ދެހާސް ބާރަ ވަނަ އަހަރު ރިލީޒު ކުރި ފިލްމު "ސްޓްޑެންޓް އޮފް ދަ އިޔާ" އަކީ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. އާލިއާ ބަޓް އާއި ސިދާތު މަލްހޯތުރާ އަދި ވަރުން ދާވަން ލީޑު ރޯލުން ފެނިގެން ދިޔަ އެ ފިލްމުގެ ދެވަނަ ބައެއް އުފައްދަން ނިންމައި ދެވަނަ ބައި ކުޅޭނެ ތަރިންވެސް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ހަބަރުތައް ބުނާ ގޮތުން "ސްޓްޑެންޓް އޮފް ދަ އިޔާ 2" ގައި ލީޑްރޯލުން ފެނިގެންދާނީ ސައިފް ހާންގެ ދަރިފުޅު ސާރާ އަލީ ހާން އާއި ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ޚައްތާރު އެވެ.

ސާރާގެ ކުރިން އެ ފިލްމުގެ ބަތަލާ އަކަށް ހަމަޖައްސަން އުޅުނީ ސްރީ ދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރު އެވެ. ނަމަވެސް އެ ފިލްމުގެ ބަތަލާގެ ރޯލަށް ފައިނަލް ކޮށްފައި ވަނީ ސާރާ ކަމަށް ހަބަރުތައް ބުނެ އެވެ.

ސާރާ ބޮލީވުޑަށް ތައާރަފުވުން ވާނީ ހަމަ ގައިމުވެސް އޭނާގެ ބައްޕަ ސައިފުގެ ހުވަފެން ހަގީގަތަކަށް ވުން ކަހަލަ ކަމަކަށެވެ. ސަބަބަކީ، ދަރިފުޅު ސާރާ ބޮލީވުޑް އިހުތިޔާރު ކޮށްފި ނަމަ "އުފާވާނެ" ވާހަކަ ސައިފު ވަނީ މީގެ ކުރިން ބުނެފަ އެވެ.

ޝާހިދުގެ ކޮއްކޮ އިޝާން އަށް ބަލާއިރު، ބޮލީވުޑަށް ތައާރަފު ވުމަށް އޭނާ ވަނީ ގިނަ ތައްޔާރީތަކެއް ވެފަ އެވެ. އެގޮތުން އޭނާ ވަނީ ނެޝުމުގެ ދާއިރާއިން ގިނަ ތަމްރީނު ތަކެއް ހޯދާފަ އެވެ. އަދި އޭނާ އަންނަނީ ބޮލީވުޑްގެ ޕްރޮފެޝަނަލް ނެޝުންތެރިންގެ ޓްރޫޕްތަކުގައި ހަރަކާތްތެރި ވަމުންނެވެ.