31 Mar 2016, 09:31
އެމެރިކާގެ ސެން ބާނަޑީނޯގައި ބަޑިން ހަމަލާދީ 14 މީހަކު މަރާލި ރިޒްވާން ފާރޫކުގެ ތަޅުލާފައިވާ އައިފޯނު، އެޕަލްގެ އެހީއާ ނުލާ އެފްބީއައި އިން ހުޅުވުމުން، އެޕަލްއިން ކަންބޮޑުވުން ފާޅުކޮށް، އެކަން ހިނގި ގޮތް ބަލަން ބޭނުންވެއްޖެ އެވެ.
މިދިޔަ މަހު އެމެރިކާގެ ކޯޓަކުން ވަނީ ޕާސްވޯޑު ޖަހާފައިވާ ފާރޫގުގެ އައިފޯނު ހުޅުވުމަށް އެޕަލްގެ މައްޗަށް އަމުރުކޮށްފަ އެވެ. ނަމަވެސް، އެޕަލްގެ އެހީއާ ނުލައި އިއްޔެ އެފޯނު ހުޅުވުމުން، ޖަސްޓިސް ޑިޕާންޓްމެންޓުން ވަނީ އަމުރު ބާތިލުކޮށް ދިނުމަށް އެދިފަ އެވެ.
އެޕަލްއިން ބުނީ، އެ ކުންފުނީގެ ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް އެކުންފުނިން ދަމަހައްޓާނެ ކަމަށެވެ.
އެހެން ނަަމަވެސް، އެފްބީއައި އިން އެޕަލްގެ އެހީއާ ނުލައި ފާރޫގުގެ އައިފޯނު ހުޅުވާފައިވާ އިރު، އެޕަލް ކުންފުނި ވަނީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ. އެކުންފުނިން ބުނީ، އެފްބީއައި އިން އެކަން ކުރުމުން އެޕަލްގެ ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް "ކޮމްޕްރޮމައިޒް"ވީ ކަމަށެވެ. އަދި އޭގެ މާނައަކީ އެކުންފުނީގެ ފޯނުތަކުގެ ސެކިއުރިޓީގައި މައްސަލައެއް އުޅޭ ކަން ކަމަށާއި، އެކަން ހައްލު ކުރަން ޖެހޭ ކަމަށް އެޕަލްއިން ބުންޏެވެ.
އެޕަލްގެ އިތުރުން، އެމެރިކާގެ ފުލުހުން ވެސް ތިބީ އެފްބީއައި އިން މިކަން ކުރި ގޮތެއް ހޯދުމަށް އެދި އެދި އެވެ. ނަމަވެސް އެ މައުލޫމާތު އެފްބީއައިއިން ފުލުހުންނާ ވެސް ހިއްސާ ކުރުމަކީ ނާދިރު ކަމެކެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސައީދު ރިޒްވާން ފާރޫގާއި އޭނާގެ އަނބިމީހާ، ތަޝްފީން މާލިކް ސެން ބާނަޑީނޯގައި ބަޑި ޖަހައި 14 މީހަކު މަރާލުމުން، ފުލުހުންނާއި އެ ދެ މީހުންނާ ދެމެދު ހިނގި ހަމަލާ ބަދަލު ކުރުންތަކުގައި ފުލުހުން ވަނީ އެ ދެމީހުން މަރާލާފަ އެވެ. ސެން ބާނަޑީނޯއަށް ހަމަލާ ދިން ދުވަހު ތަޝްފީން ވަނީ އައިއެސް އަށް ވާގިވެރިވާ ކަމަށް ސޯޝަލް މީޑިއާގައި ބުނެފަ ކަމަށް އެމެރިކާގެ އޮފިޝަލުން ބުންޏެވެ.
މަސްދަރު: ލޮސް އެންޖެލެސް ޓައިމްސް