އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރުމުގެ އުންމީދު ކަނޑާނުލާ ކަމަށާއި އާސެނަލްއިން ކުރިއަށް އޮތް އަށް މެޗުން މޮޅުވާން ޖެހޭ ކަމަށް އެކްލަބުގެ ސްޕެއިން ޑިފެންޑަރު ނާޗޯ މޮންރެއާލް ބުނެފި އެވެ.

ލީގުގައި އާސެނަލް މިވަގުތު އޮތީ ލީގުގެ ތިން ވަނައިގަ އެވެ. އާސެނަލްއާއި ލީގުގެ އެއް ވަނައިގައި އޮތް ލެސްޓާ ސިޓީއާ ދެމެދު 11 ޕޮއިންޓްގެ ފަރަގެއް އެބަ އޮތެވެ.

ލީގުގެ އެއް ވަނައިގައި އޮތުމަށް ލެސްޓާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު، ދެ ވަނައިގައި އޮތް ޓޮޓެންހަމްއިން ވެސް ދަނީ ކުރިއަށް ޖެހިލުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެހެން ނަމަވެސް، އާސެނަލްއިން އުންމީދު ކަނޑާނުލާ ލީގު ހޯދުމަށް މަސައްކަތްކުރާނެ ކަމަށް މޮންރެއާލް ވަނީ ބުނެފަ އެވެ.

"އަހަރެމެން މި ވަގުތު މިއޮތީ ތިން ވަނައިގައި. އެހެންވެ އަހަރެމެންގެ އަޒުމަކަށް ވާންވީ އުންމީދު ކަނޑާނުލާ ކުރިއަށް އޮތް އަށް މެޗު ކާމިޔާބު ކުރުން. ކުރިއަށް އޮތް އަށް މެޗު އަހަރެމެން ކާމިޔާބުކުރިޔަސް ލީގުގެ ޗެމްޕިއަންކަން ނުލިބިދާނެ. އެކަމަކު އަހަރެމެންނަށް އޮތް ގޮތަކީ ކުރިއަށްއޮތް އަށް މެޗު ކާމިޔާބުކުރުން،" އާސެނަލްގެ ޑިފެންޑަރު ބުންޏެވެ.

ލީގުގައި އަންނަ ހޮނިހިރު ދުވަހު އާސެނަލް ނުކުންނަން ޖެހޭނީ ވެޓްފޯޑްއާ ދެކޮޅަށެވެ. ވެޓްފޯޑްއަކީ މި ސީޒަނުގެ އެފްއޭ ކަޕުން އާސެނަލް ކަޓުވާލި ޓީމެވެ.

"އަހަރެމެން އެ މެޗަށް ނުކުންނާނީ ވަރަށް ރަނގަޅު ދެ މެޗަށް ފަހު. ވަރަށް ފަހުން ވެޓްފޯޑްއާ ދެކޮޅަށް ކުޅެފައިވުމުން އެ މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ. އެފްއޭ ކަޕުން ކަޓުވާލުމުން އެކަމުގެ ބަދަލުހިފަން އަހަރެމެން ތައްޔާރު. އެފްއޭ ކަޕަކީ ތަފާތު މުބާރާތެއް. ލީގުގައި ވެޓްފޯޑްއިން މިހާރު މަސައްކަތް ކުރަނީ ބޮޑެތި ކަންތައްތަކެއް ހާސިލްކުރާކަށް ނޫން. އަހަރެމެން މި މަސައްކަތްކުރަނީ ބޮޑެތި ކަންތައްތަކެއް ހާސިލްކުރަންކަން އެ މެޗުގައި ދައްކުވައިދޭން ޖެހޭ،" ވެޓްފޯޑްއާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން މޮންރެއާލް ބުންޏެވެ.

އެފްއޭ ކަޕްގައި ވެޓްފޯޑްއާއި އާސެނަލް ބައްދަލުކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. ލީގުގައި އަންނަ ހޮނިހިރު ދުވަހު ވެޓްފޯޑްއާ ދެކޮޅަށް ނުކުންނާނީ އާސެނަލްގެ އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގަ އެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖެގަޑިން އެ ދުވަހުގެ 19:00 ގަ އެވެ.