31 Mar 2016, 09:22
އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދާ ނިއުކާސަލް ޔުނައިޓެޑްގެ ގޯލްކީޕަރު ރޮބް އެލިއޮޓް އަށް އަނިޔާވެ، އެކްލަބަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހު އެކުވެރިކަމުގެ މެޗެއްގައި ސްލޮވާކިއާއާ ދެކޮޅަށް ކުޅެ، 2-2 ލަނޑުން އެއްވަރުވި މެޗުގައި އަޔަލެންޑްގެ ގޯލްކީޕަރު އެލިއޮޓްގެ ކަކުލުގެ ލިގަމެންޓަށް ވަނީ އަނިޔާވެފަ އެވެ. އެހެންކަމުން އެލިއޮޓްއަށް މިސީޒަނުގައި ނިއުކާސަލްއާ އެކު އިތުރު މެޗެއް ކުޅުމުގެ ފުރުސަތު ނުލިބޭ އިރު، އަޔަލެންޑަށް ޔޫރޯ 2016ގައި ވެސް ނުކުޅެވޭނެ އެވެ.
"އެލިއޮޓް ވަނީ އެނބުރި ނިއުކާސަލްއަށް އައިސް ކްލަބުގެ ޑޮކްޓަރަށް ދައްކާފައި. ޕްރޮގްރާމެއްގެ ދަށުން އޭނާގެ ފަރުވާގެ ކަންތައް ކުރިއަށްގެންދާނެ. މި އަނިޔާގެ ސަބަބުން މަސްތަކެއް ވަންދެން އެލިއޮޓް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ،" ނިއުކާސަލްއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ނިއުކާސަލްއިން ރެލިގޭޝަނުން ސަލާމަތްވުމުގެ މަސައްކަތްކުރާ އިރު، އެލިއޮޓްގެ އިތުރުން އެކްލަބުގެ އެއް ނަންބަރު ގޯލްކީޕަރު ޓިމް ކްރުލް ވެސް ހުރީ އަނިޔާގަ އެވެ. އެކްލަބުން ދެން ބޭނުންކުރަން ޖެހޭނީ ތިން ވަނަ ގޯލްކީޕަރު ކާލް ޑާލޯ އެވެ.
ލީގުގައި ކުޅުނު 30 މެޗުން ލިބުނު 25 ޕޮއިންޓާ އެކު ނިއުކާސަލް އޮތީ 19 ވަނައިގަ އެވެ. ލީގުގައި އަންނަ ހޮނިހިރު ދުވަހު ނިއުކާސަލް ނުކުންނަން ޖެހޭނީ 17 ވަނައިގައި އޮތް ނޮވިޗް ސިޓީއާ ދެކޮޅަށެވެ.