31 Mar 2016, 09:25
ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް އެކްލަބުގެ ސަޕޯޓަރުން އިތުރު އިހުތިރާމެއް ކުރަން ޖެހޭ ކަމަށް ބްރެޒިލް މިޑްފީލްޑަރު ކަކާ ބުނެފި އެވެ.
މެންޗެސްޓާ ޔުނައިޓެޑުން 2009 ވަނަ އަހަރު ރެއާލް މެޑްރިޑާ ގުޅުމަށް ފަހު ރޮނާލްޑޯ ވަނީ ހަތް ސީޒަނުގެ ތެރޭގައި 350 އަށް ވުރެ ގިނަ ލަނޑު އެކްލަބަށް ކާމިޔާބުކޮށްދީފަ އެވެ. އޭނާ ވަނީ ރެއާލްއާ އެކު ސްޕެނިޝް ލަލީގާ އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.
ރެއާލްއާ އެކު ރޮނާލްޑޯ ގިނަ ކާމިޔާބީތަކެއް ހޯދި ނަމަވެސް، އެކްލަބުގެ ބައެއް ކުޅުންތެރިންނާއި ބައެއް ސަޕޯޓަރުން ވަނީ އޭނާ އަށް ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ.
ރޮނާލްޑޯއާ އެކު 2009 އިން 2013 ވަނަ އަހަރުގެ ނިޔަލަށް ރެއާލްއަށް ކުޅުނު ކަކާ ގަބޫލުކުރާ ގޮތުގައި، ރޮނާލްޑޯ އަށް އެއަށްވުރެ ބޮޑު އިހުތިރާމެއް އަދާކުރަން ޖެހެ އެވެ.
"ރޮނާލްޑޯއަކީ މޮޅު ކުޅުންތެރިއެއް. އަހަރެން މި ދައްކަނީ އޭނާގެ ފެންވަރުގެ ވާހަކައެއް ނޫން. މި ދައްކަނީ ރެއާލްއާ އެކު އޭނާ ހޭދަކުރި ދުވަސްތަކުގައި ކްލަބަށް ކޮށްދިން ހިދުމަތްތަކުގެ ވާހަކަ. އެ ހިދުމަތްތަކަށް ބަލާފައި، ސަޕޯޓަރުން އެބަ ޖެހޭ ރޮނާލްޑޯއަށް އިހުތިރާމް ކުރަން. ބައެއް ފަހަރު ސަޕޯޓަރުން ރޮނާލްޑޯއާ މެދު ހިތްހަމަނުޖެހުން ފާޅުކުރާތަން އަހަރެންނަށް ފެނޭ،" ކަޑެނާ ކޯޕް އަށް ދިން އިންޓަވިއުއެއްގައި އޮރްލޭންޑޯ ސިޓީގެ މިޑްފީލްޑަރު ބުންޏެވެ.
ރޮނާލްޑޯއާއެކު ރެއާލް ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނީ 2017-18 ވަނަ ސީޒަނަށް ފަހު އެވެ. އެހެންނަމަވެސް އޭނާ ހޯދުމަށް ބޮޑެތި ގިނަ ކްލަބުތަކަކުން މިހާރު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ރެއާލްގެ ސަޕޯޓަރުން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް، ރޮނާލްޑޯއަށް އެންމެ ރަނގަޅު ކްލަބަކީ ރެއާލް މެޑްރިޑް ކަމަށް ކަކާ ދެކެ އެވެ.