އެއީ މަތިމައްޗަށް ގަބުރު ވަޅުލާފައި ހާމަކޮށް އޮތް ބިމެކެވެ. އެތަނުގެ ބިންގަނޑު "މޮޅެއް" ނޫނެވެ. އެތަނުގައި ދަނޑުވެރިކަން ކުރަން އެއްވެސް ގޮތަކަށް ރަނގަޅެއް ނޫނެވެ. ހިއްކައިގެން ފެންމަތި ކޮށްފައިވާ އެތަނުގެ ވެއްޔަކީ އަކިރިޔާއި ގަލާ އެކު ހުރި ދޮން ވެއްޔެވެ. ހައިރާންކަން ގެނުވަނީ ރާއްޖޭގައި އާއްމު ނޫން ގަހެއް އެ ބިމުގައި ހެދި ބޮޑުވަމުން ދާތީ އެވެ. ހާމަކޮށް އޮތް އެ ބިމަށް ދައްކާ ގަދަ ހޫނާއި ވެހޭހާ ވާރޭއެއްގެ ފެން ލިބިގެން ފެހިކަން ގަދަކޮށް ގަހެއް ފޯދެމުން ދާތީ އެވެ. އެއީ ގަލޮޅު ސަހަރާގައި ހެދުމުންދާ ވައްތީނި ގަހެވެ.

މީގެ ހަތަރު އަހަރު ކުރިން އާ ސަހަރާގައި އިންދި ވައްތީނި ގަސްތަކާ ހިލާފަށް މިގަހުގެ ގޮފި ގަނޑުގައި ވެސް ވައްތީނި އަޅާ އޮތީ ފުރިފަ އެވެ. ގަހުގެ ވަށައިގެން ޓިނުގަނޑެއް ޖަހާފައި ހުރި އިރު އެ ޓިނު ގަނޑުގެ ވަށައިގެން ވެސް ވައްތީނި އޮތީ އަޅައިފަ އެވެ. އެ ގަހުގައި ވައްތީނި އަޅާފައި އޮތީ އާދަޔާ ހިލާފަށް ގިނައިން ނެވެ. ނަމަވެސް އެ ގަހުގައި ހުރި ވައްތީނިތައް އާއްމުކޮށް ހުންނަ ވައްތީނިތަކާ ތަފާތެވެ. އެ ތަފާތަކީ އާންމު ވައްތީނިއާ އެއްވަރަށް އެ ވައްތީނި ބޮޑެއް ނޫންވީމަ އެވެ. އަދި ވައްތީނި ފަޅާލުމުން އޭގައި ހުންނަން ޖެހޭ އޮށްތައް އާސަހަރާގައި ހެދިފައި ހުރި ވައްތީނިތަކުގައި ނުހުރެ އެވެ. ގިނަ އެއްޗެހި އޮންނަނީ ބިމަށް ވެއްޓިފަ އެވެ.

ވައްތީނި ގަސް: މި ގަހުގެ ގޮފިގަނޑު ތަކުގައިވެސް ވައްތީނި ވަނީ އަޅާފައި -- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

"އަޅުގަނޑު އެ ގަސް ގެނައީ އދ. މަހިބަދޫން. އެ ގަސް މަހިބަދޫގައި އިންދާފައި އިނީ އެރަށު މިސްކިތުގައި. ވަރަށް ކުޑަކުޑަ ގަހެއް އެ މިސްކިިތުގައި ވެސް އިނީ. އެތަނުން އަޅުގަނޑު ގެނައި ގޮފި ކޮޅެއް އެއީ. ދެން އެކަމަކު އާސަހަރަގައި އަޅުގަނޑު އިންދި ވައްތީނި ގަހުގައި އެއްޗެއް [ވައްތީނިއެއް] ހަރުލާ ގޮތެއް ނުވޭ. ހަމަ ވަނދުވެގެން ވެއްޓެނީ. ވަރަށް ބައިވަރު އަޅާ އެކަމަކު،" އާސަހަރާގައި ވައްތީނި ގަސް އިންދި އަހުމަދު މުނައްވަރު މުހައްމަދު، 30 "ސަން" އާ ވާހަކަދައްކަމުން ބުންޏެވެ.

ަާއާ ސަހަރާގައި މަސައްކަތް ކުރާ މުނައްވަރު ބުނީ އާސަހަރާ މިސްކިތަށް ނަމާދަށްދާ މީހުން ވެސް އެ ގަހުގައި ވައްތީނި އަޅާފައި އޮންނަލެއް ގިނަކަމުން ބަލަހައްޓައިގެން އެތައް އިރެއް ވަންދެން ތިބޭ ކަމަށެވެ. އޭނާ ބުނީ ވައްތީނި ގަހުން ގޮފި ކޮޅުތައް ނައްޓާލައިގެން ވަރަށް ގިނަ ރަށްރަށަށް މީހުން ގެންގޮސްފައި ވެސްވާ ކަމަށެވެ.

"އަސްލު އެ ގަހާ ބެހޭ މާ ގިނަ މައުލޫމާތުތަކެއް ނޭނގެ. އެހެންވީމަ ގަހުގައި ވައްތީނި ހަރުނުލާ ސަބަބެއް ވެސް ނޭނގެ. އެކަމަކު މި ބަލަނީ ވައްތީނި ގަހުގެ ގޮފިކޮޅުތައް ގެންދިޔަ ރަށްރަށުގައި އެ ގަސް ހެދި އެ ގަސްތަކުގައި ރަނގަޅަށް ވައްތީނި އަޅާ އޭގެން މީހުންނަށް ބޭނުންކުރެވޭތޯ. ފަހަރުގައި ބިމުގެ ތަފާތެއް ހުރެގެން ވެސް ގަހުގައި ވައްތީނި ހަރުނުލާ ވެސް ހިނގައިދާނެ،" މުނައްވަރު ބުންޏެވެ.

ވައްތީނި: އާސަހަރާގައި ހުރި ވައްތީނި ގަހުގައި ހުންނަ ވައްތީނި ފަޅާލުމުން އެތެރޭގައި އެއްވެސް އޮށެއް ނުހުރޭ -- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ދަނޑުވެރިކަމުގެ ދާއިރާއިން ފާހަގަކުރެވޭ ވަރުގެ ޚިދުމަތްތަކެއްކޮށް ސަރުކާރުން ދެއްވި ރެހެނދި އެވޯޑު މިދިޔަ އަހަރު ލިބުނު އއ. ތޮއްޑޫ ދޫރެސް، ގަމީރަ އާދަމް "ސަން" އަށް ބުނީ ވައްތީނި އަކީ ރާއްޖޭގައި އާއްމު ގަހެއް ނޫން ކަމަށެވެ. އަދި ގިނަ ބަޔަކަށް އެ ގަހާއި އެ ގަހުން އަޅާ މޭވާއިން ލިބޭ ފައިދާތައް އެނގިފައި ނުވާ ކަމަށް ގަމީރާ ބުންޏެވެ.

އާސަހަރާގައި ހުރި ވައްތީނި ގަހުގެ ވައްތީނިތައް ރަނގަޅަށް ދޮން ނުވާ ވާހަކަ ގަމީރާއާ ހިއްސާ ކުރުމުން އޭނާ ބުނީ ވައްތީނިއަކީ ވަރަށް ގިނަ ދުވަހުން އަޅާ އެއްޗެއް ކަމަށެވެ. ގަމީރާ ބުނީ އާސަހަރާގައި ހުރި ވައްތީނި ގަސް "ފަހަރުގައި ފުރާ ފުރިިހަމަ ނުވަނީ" ކަމަށެވެ.

އާސަހަރާގައި ހުރި "ވައްތީނި" ގަސް: ސަން ފޮޓޯ/ އަހުމަދު ޝަރުވާން

"ބިމުގައި ހުންނާނެ ވަރަށް ބޮޑެތި ބަދަލުތަކެއް. ދެން ގިނައިން މި ހެދެނީ ރާއްޖެއިން ބޭރުގައި. އެތަންތަނުގެ ފަސްގަނޑަކާއި ރާއްޖޭގެ ފަސްގަނޑަކާއެއް ވެސް އެއްގޮތެއް ނުވާނެ. ވަރަށް ބޮޑަށް ބަދަލުވާނެ. އަނެއްކާ ރާއްޖޭގެ އެހާ އާއްމު އެއްޗެއް ވެސް ނޫން. ފަސްގަނޑުގައި ހުންނަ ތަފާތު ކަމެއްގެ ސަބަބުން ފަހަރުގައި ބަދަލުތަކެއް ހަމަ އައިސްދާނެ. އެހެން ވެފައިވެސް އެބަހުރި.،" ގަމީރާ ކިޔައިދިނެވެ.

ގުރުއާނުގައި ނަންގަނެވިފައިވާ މޭވާއެއް، ހިކުމަތްތައް ބައިވަރު:

ކީރިތި ގުރުއާނަކީ ބަރަކާތްތެރިވެގެންވާ ފޮތެކެވެ. އެ ފޮތުގައި އެތައް ކަމަކަށް އޮތް ޝިފާވެ އެވެ. އަދި ފޮތުގައި ނަން ގަނެވިފައިވާ އެއްޗަކީ އެކަމުގައި ހެޔޮ ނެތި ނުދާނެ ކަމެއް ކަމަށް އިލްމުވެރިން ބުނެ އެވެ. އެގޮތުން ވައްތީނިގެ ވާހަކަ ގުރުއާނުގައި ވެސް ވަނީ އައިސްފަ އެވެ.

އައް ޝައިޚު މުޙައްމަދު ސަމީރު އިބުރާހީމް "ސަން" އަށް ވިދާޅުވީ އަރަބި ބަހުން ވައްތީނި އަށް ކިޔަނީ ތީނި ކަމަށެވެ. އަދި "ވައް" އެ ލަފްޒަކީ އަރަބި ބަހުގައި ހުވާކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. ސަމީރު ވިދާޅުވީ ކީރިތި ގުރުއާނުގައި އެއްޗެއް ގަންދެއްވާ ހުވާ ވަހީ ކުރައްވައިފި ނަމަ އެ އެއްޗެއްގެ މުހިއްމުކަން ދޭހަ ކޮށްދޭ ކަމަށެވެ.

އާސަހަރާގައި ހުރި "ވައްތީނި" ގަސް: ސަން ފޮޓޯ/ އަހުމަދު ޝަރުވާން

"ބައެއް އިލްމުވެރިން ވިދާޅުވޭ ތީނިއާއި ޒައިތޫނި ހެދޭ ބިމުގެ މުހިއްމު ކަމަށޭ އަސްލު ތީނި ސޫރަތުގައި އިޝާރާތް ކުރައްވާފައި އެވަނީ. ކޮންމެއަކަސް ގުރުއާނުގައި އެއްޗެއް ގަންދެއްވާ ވަހީ ކުރައްވައިފިއްޔާ އެކަމުގެ އަހައްމިއްޔަތުކަން ނުވަތަ އެ އެއްޗެއްގެ މުހިއްމުކަން ދޭހަކޮށްދޭ،" ޝެއިހް ސަމީރު ވިދާޅުވި އެވެ.

މޭވާއަކުން ލިބޭ އެންމެ ގިނަ ފައިދާ ވައްތީނީގައި:

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ތަފާތު ގިނަ މޭވާ ކެއުމަށް ސިއްހީ މާހިރުން އަންނަނީ އަބަދުވެސް އިރުޝާދު ދެމުން ނެވެ. ވޯލްޑް ކެންސާ ރިސާޗް ފަންޑު (ޑަބްލިޔުސީއާރްއެފް) އިން އިރުޝާދު ދީފައި ވަނީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފަސް ޕޯޝަންގެ ތަރުކާރީ އާއި މޭވާ ކެއުން ކޮންމެހެން މުހިއްމު ކަމަށެވެ. އެންމެ ވައްތީނިއެއް ދުވާލަކު އެއްފަހަރު ކޭ ކަމުގައި ވިއަސް ގިނ ބަލިތަކަކަށް ފަރުވާ ލިބެ އެވެ.

އާސަހަރާގައި ހުރި "ވައްތީނި" ގަސް: ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ވައްތީންޏަކީ ސޯޑިއަމް މަދު، ޕޮޓޭސިއަމް ގިނަ މޭވާއެއް ކަމުން ވައްތީނި ބޭނުންކުރުމަކީ، ލޭމައްޗަށްދިއުން ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ މޭވާ އެކެވެ. ވައްތީނި އަކީ ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދޭ މާއްދާތައް ގިނައިން ހުންނަ މޭވާ އެކެވެ. ވައްތީނިއަކީ ހަށިގަނޑުގެ ކަށިތައް ވަރުގަދަކޮށް ރަގަޅުކޮށް ދިނުމުގައި ވެސް ދައުރެއް އަދާ ކުރާ މޭވާ އެކެވެ.

އާސަހަރާގައި ހުންނަ ވައްތީނި ގަސް: ވައްތީނި އަކީ ގުރުއާނުގައި އެ އެއްޗެއް ގަންދެއްވާ ހުވާ ވަހީ ކުރައްވާފައިވާ މޭވާއެއް -- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ދިވެހިންގެ ތެރެއިން ގިނަ މީހުން ބޭނުން ވަނީ ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށެވެ. ވައްތީނި އަކީ އެކަމަށް ވެސް އޮތް ފަރުވާ އެކެވެ. ވައްތީނީގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވިގެންވެ އެވެ. އެކަމުގެ ސަބަބުން ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭނެ އެވެ. ސިއްހީ މާހިރުން އިރުޝާދު ދެނީ ބަރުދަން ލުއިކުރަން ވައްތީނި ކާ ކަމަށް ވަނީ ނަމަ ކިރާ އެކު ވައްތީނި ބޭނުން ކުރުމަށެވެ.

ވައްތީނި އަކީ ކެންސަރު ބައްޔަށް ވެސް އޮތް ފަރުވާއެކެވެ. ގަވާއިދުން ކޮންމެ ދުވަހަކު ވައްތީނި ކާނަމަ ގޮހޮރުގެ ކެންސަރުން ދުރުކޮށްދޭ މޭވާ އެކެވެ. އެއީ ވައްތީނީގައި ފައިބަރު ގިނައިން ހުރުމުން ގޮހުރުގައި ހުންނަ ކެންސަރަށް މަގުފަހިކުރާ މާއްދާތައް ނައްތާލުމަށް އެހީތެރިވެދޭތީ އެވެ. ހަމައެއާ އެކު ވައްތީނިއަކީ އުރަމަތީގެ ކެންސަރު ޖެހުމުން ވެސް ދުރުކޮށްދޭ މޭވާ އެކެވެ. އަދި ވައްތީނި އަކީ ހަކުރު ބަލިން ވެސް ދުރުކޮށްދޭ މޭވާ އެއްކަމުން މިއީ އެއް މޭވާއަކުން އެންމެ ގިނަ ސިއްހީ ފައިދާ ލިބިގެންދާ މޭވާތަކުގެ ތެރޭގައި ހިމެނޭ މޭވާ އެވެ.

ވައްތީނި ގަސް: ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އާސަހަރާގައި ހުރި ވައްތީނި ގަހަކީ މިއަދު އެ ގަހަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ގަހެކެވެ. އެއީ ކޮން އެއްޗެއްކަން ނޭނގޭ މީހުން ވެސް އެ ގަހަށް "އާޝޯހުވެފައި" ހުރެ ބަލަހައްޓައިގެން ތިބެ އެވެ. ކޮންމެއަކަސް ވައްތީނި އަކީ ސިއްހީ ގޮތުން ވެސް ގިނަ ފައިދާތަކެއް އެކުލެވޭ މޭވާ އެކެވެ. އަދި ގުރުއާނުގައި އެ މޭވާއެއް ގަންދީ ހުވާ ވަހީކުރައްވާފައިވާ މޭވާ އެކެވެ. މިފަދަ އެތައް މޭވާއެއް އަދިވެސް ރާއްޖޭގައި ނުހައްދާ އެބަހުއްޓެވެ. އެއީ އެ މޭވާއަކާ ގުޅޭ ފުރިހަމަ މައުލޫމާތު ދަނޑުވެރިންނަށް ވެސް އަދި އާއްމުންނަށް ވެސް ނޭނގުމުގެ ސަބަބުން ނެވެ. މިފަދަ މޭވާތައް ރާއްޖޭގައި ގިނަ ގިނައިން ހެއްދުމަށް އެންމެން ވެސް މަސައްކަތް ކުރަން އެބަޖެހެ އެވެ.