01 May 2011, 12:07
ގާތްގަނޑަކަށް 13 ގަޑި އިރަށް ފަހު މުޒާހަރާ ހުއްޓާލުމަށް ފަހު ބައިވެރިން ގެއަށް ހިނގައްޖެ އެވެ. ފަހަކަށް އައިސް ބޭއްވި އެންމެ ގިނަ ބަޔަކު އެއްވި އަދި އެންމެ ދިގުދެމިގެން ދިޔަ މުޒާހަރާ، ހުއްޓާލީ ގިނަ ބަޔަކު އެކަހެރިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ގަ އެވެ. އަދި ވަރަށް ގިނަ ބަޔަކާއި މުދަލާއި ތަކެއްޗަށް ގެއްލުން ލިބިފައިވެ އެވެ.
ރޭ 9 ޖެހި އިރު ފެށި މުޒާހަރާ ފަތިސްވާން ކައިރިވެފައި ވަނިކޮށް ފުލުހުން ފުރަތަމަ ރޫޅާލީ މާ ބޮޑު އިންޒާރުތަކެއް ދިނުމަކާ ނުލައި ގިނަ ބަޔަކަށް އަނިޔާވާ ފަދަ ގޮތަކަށެވެ. ޗާނދަނީމަގާއި މަޖީދީމަގު ގުޅުނު ހަތަރު އަނގޮޅީގައި ބޭއްވި މުޒާހަރާ ފުލުހުން "ބާރުގެ ބޭނުންކޮށްގެން" ރޫޅާލި އިރު މުޒާހަރާގެ ބައިވެރިން ފުލުހުންނާ ދެކޮޅަށް ގަލާއި ފުޅިފަދަ ތަކެތި އުކާފައިވެ އެވެ. އަދި ފުލުހުން ވެސް މުގުރު ބޭނުންކޮށް ހަރުކަށިކޮށް މީހުން ހައްޔަރު ކުރުމުގެ ތެރޭގައި ބައެއް މީހުންނަށް ބޮޑެތި އަނިޔާތައް ވެސް ވެފައިވެ އެވެ. އޭގެ ތެރޭގައި ބައެއް މީހުންގެ ބޯފަޅައިގެން ގޮސް ނިއްކުރި ފަދަ ތަންތަނަށް މުގުރުބުރި އަރައިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވެސް ވެ އެވެ.
މުޒާހަރާގެ ބައިވެރިން ތަކުރާރުކޮށް ޗާނދަނީމަގު ހަތަރުއަނގޮޅި އަށް ރޭ ފަތިހު އެއްވަން ފެށުމުން މުޒާހަރާ ކޮންޓްރޯލް ކުރުމަށް ސިފައިން ނުކުތް ތަން ވެސް ފެނުނެވެ. އަދި ކޮޅުކޮޅަށް ޓޭންކަރު ދުއްވާތަން ވެސް ފެނުނެވެ.