31 Mar 2016, 10:16
ކޮންމެ އޮފީހެއްގައި ވެސް ތުއްތުކުދިން ތިބޭ އަންހެން މުވައްޒަފުންނަށް ގާތުން ކިރުދެވޭނެ ހާއްސަ ސްޓޭޝަނެއް ހަދަން މަޖްބޫރު ކުރުވާ ބިލެއް ކެންޔާގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އެ ބިލުގައި ބުނެފައިވާ ގޮތުން، ގާތުން ކިރުދޭން ހަދާ ސްޓޭޝަންތަކުގައި ފްރިޖާއި ބްރެސްޓް ޕަމްޕު ހުންނަންޖެހޭނެ އެވެ. އަދި އޮފީސް ގަޑީގައި ކުޑަދަރިފުޅަށް ގާތުން ކިރު ދޭން ބޭނުންވާ މުވައްޒަފުންނަށް އެ ވަގުތު ދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ކެންޔާގެ މަޖިލީހަށް އެ ބިލް ހުށަހެޅި މެމްބަރު، ރަޗޭލް ނިޔާމީ ވިދާޅުވީ، އެ ބިލުގެ ސަބަބުން އަންހެނުންނަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބުމުގެ އިތުރުން ދަރިފުޅުގެ ސިއްހަތު ރަނގަޅުކުރުމަށް އެހީތެރިވެދޭނެ އެވެ.
ކެންޔާގެ އާއްމުތަންތާގައި ގާތުން ކިރުދިނުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެ ބިލުގެ ބޭނުމަކީ މަސައްކަތްކުރާ އަންހެނުންނަށް ގާތުންކިރުދެވޭނެ ރަނގަޅު މާހައުލެއް ގާއިމްކުރުމެވެ.
ކެންޔާގައި ގާތުން ކިރުދިނުމަށް ހާއްސަ ތަނެއް ގާއިމްކޮށްފައިވާ ކުންފުންޏެއް ކަމަށްވާ ސަފާރީކޮމްގެ ހިއުމަން ރިސޯސް ޑިރެކްޓަރު ބުނީ، އެ ސްޓޭޝަންތަކުގެ ސަބަބުން އަންހެން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުވާ ކަމަށެވެ.
ކެންޔާގެ ކުރީގެ މަޖިލީހަށް ވެސް އޮފީސްތަކުގައި ގާތުންކިރުދޭ ހާއްސަ ސްޓޭޝަނެއް ހެދުމުގެ ބިލެއް ހުށަހެޅި ވަނީ އަނބުރާ ފޮނުވާލާފައެވެ. އެފަހަރު އެ ބިލް ފޮނުވާލާފައި ވަނީ، ގާތުން ކިރުދޭ ހިދުމަތްތައް ގާއިމް ކުރަންޖެހޭނަމަ ވިޔަފާރި ކުންފުނިތަކުން އަންހެނުން ވަޒީފާއަށް ނުނެގުމަށް ނިންމުމުންނެވެ.
ކެންޔާގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި މިދިޔަ އަހަރުގެ ހެލްތް ބިލް މިހާރު ވަނީ ތަސްދީގު ކުރުމަށް އެ ގައުމުގެ ރައީސަށް ފޮނުވާފައެވެ.