31 Mar 2016, 07:19
ކޯޗުކަމާ ހަވާލުވިތާ ހަތަރު މަސް ނުވަނީސް، ސްޕެއިންގެ ފުޓްބޯޅަ ކްލަބް ވެލެންސިއާގެ ކޯޗުކަމުން ގެރީ ނެވިލް ވަކިކޮށްފި އެވެ.
އުމުރުން 41 އަހަރުގެ ނެވިލްގެ ބަދަލުގައި ވެލެންސިއާގެ ކޯޗުކަމުގެ މަގާމަށް ހަމަޖައްސާފައިވަނީ އެކްލަބުގެ ކުރީގެ ކޯޗު ޕަކޯ އަޔެސްޓަރަން އެވެ. އޭނާ ކްލަބުގެ ކޯޗުކަމުގައި ހުންނާނީ މި ސީޒަންގެ ނިޔަލަށެވެ.
ސްޕެނިޝް ލަލީގާގެ ކްލަބު ވެލެންސިއާގެ ހެޑް ކޯޗުގެ މަގާމާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދެ ވަނަ ދުވަހު މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރު ނެވިލް ހަވާލުވި ނަމަވެސް، އޭނާގެ އިރުޝާދުގެ ދަށުން ވެލެންސިއާގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ.
ނެވިލްގެ އިރުޝާދުގެ ދަށުން ވެލެންސިއާއިން ކުޅުނު 16 މެޗުގެ ތެރެއިން މޮޅުވީ ތިން މެޗުންނެވެ. ފަސް މެޗު އެއްވަރުވެގެން ނިމުނުއިރު، އަށް މެޗުން ވަނީ ބަލިވެފަ އެވެ. ލަލީގާގައި ވެލެންސިއާ މިވަގުތު އޮތީ 14 ވަނައިގައެވެ.
ވެލެންސިއާގެ ރަސްމީ ވެބްސައިޓުގައި އެ ކްލަބުން އާންމުކުރި ބަޔާނެއްގައި ބުނީ، ވެލެންސިއާގެ ހެޑް ކޯޗުގެ މަގާމުން ގެރީ ނެވިލް ވަކިކޮށްފައިވާ ކަމަށާއި ކްލަބަށް އޭނާ ކޮށްދިން ހިދުމަތްތަކަށް ނެވިލްއަށް ޝުކުރު އަދާކުރާ ކަމަށެވެ.
"ކްލަބުން ރަނގަޅަށް ބެލުމަށްފަހު، ވެލެންސިއާގެ ކާމިޔާބީއަށްޓަކައި ނިންމި ނިންމުމެއް މިއީ. ހެޑް ކޯޗުގެ މަގާމު މިސީޒަނުގެ ނިޔަލަށް ދެން އަދާކުރާނީ ޕަކޯ އަޔެސްޓަރަން،" ވެލެންސިއާއިން ނެރުނު ބަޔާނުގައި ބުންޏެވެ.
ވެލެންސިއާގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ނެވިލް ނެރުނު ބަޔާނުގައި ބުނީ، ވެލެންސިއާގެ ކުޅުންތެރިންނާއި ސްޓާފުންނަށާއި ސަޕޯޓަރުންނަށް ޝުކުރު އަދާކުރާ ކަމަށާއި އޭނާ ކްލަބާ ހަވާލުވިއިރު ޓީމު އޮތީ ވަރަށް އުނދަގޫ ހާލަތެއްގައި ކަމަށެވެ.

ވެލެންސިއާގެ އާ ކޯޗުކަމުގެ މަގާމަށް ހަމަޖެއްސި ޕަކޯ އަޔެސްޓަރަން - ފޮޓޯ: އޭޕީ
އަޔެސްޓަރަން ވަނީ 2001 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރުގެ ނިޔަލަށް ވެލެންސިއާގެ އެސިސްޓަންޓް ކޯޗުކަމުގެ މަގާމު އަދާކޮށްފަ އެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ވެލެންސިއާއަށް ސްޕެނިޝް ލަލީގާ ދެ ފަހަރު އަދި ޔޫއެފާ ކަޕް ޓްރޮފީއެއް ހޯދައިދިނުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
އޭގެ އިތުރުން އަޔެސްޓަރަން ވަނީ ލިވަޕޫލްގެ އެސިސްޓަންޓް ކޯޗުކަމުގެ މަގާމުގައި 2004 ވަނަ އަހަރުން 2007 ވަނަ އަހަރުގެ ނިޔަލަށް އޭނާ ހުރިއިރު، އެކްލަބަށް ޔޫއެފާ ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕްގެ ތަށްޓެއް ހޯދައިދިނުމަށް އެހީތެރިވެދީފަ އެވެ.
އަޔެސްޓަރަން ވަނީ އިޒްރޭލުގެ މެކާބީ ޓެލް އަވިވްގެ ކޯޗުކަމުގައި ހުރިއިރު، އެކްލަބަށް ދެ ފަހަރު ލީގު ކަޕް އަދި ލީގު ވެސް އެއް ފަހަރު ކާމިޔާބުކޮށްދީފަ އެވެ. އޭނާ ވަނީ މެކްސިކޯގެ ސަންޓޯސް ލެގޫނާ އަދި އެސްޓުޑިއަންޓެސް ޓެކޮސްއަށް ވެސް އިރުޝާދުދީފަ އެވެ.