30 Mar 2016, 23:45
ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ބޮޑު އެއް ކުންފުނި، ޔުނިވާސަލް އިން ހިންގާ ފައުންޑޭޝަނުން ފަސް ދާއިރާ އަކުން މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ފައުންޑޭޝަނުން ފުރުސަތު ހުޅުވާލާފައިވަނީ އެ ކުންފުނިން ހުރިހާ ޚަރަދެއް ކުރާގޮތަށް ތިން ދާއިރާއަކުން ޑިގްރީ އަދި އެއް ދާއިރާއަކުން ޕޯސްޓް ގްރެޖުއޭޓަށް ކިޔެވުމަށެވެ.
ސްކޮލޮޝިޕްދޭ ދާއިރާތައް
- ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓާސް (ސީމާ)، އެސޯސިއޭޝަން އޮފް ޗާޓާޑް ސެޓިފައިޑް އެކައުންޓެންޓް (އޭސީސީއޭ) އިން ޑިގްރީގެ އެއް ފުރުސަތު
- މެޑިސިން ދާއިރާއިން ސްޕެޝަލައިޒްވާން، ޕޯސްޓް ގުރެޖުއޭޓް، ދެ ފުރުސަތު
- މެކޭނިކަލް އިންޖިނިއަރިން، ޑިގްރީ، އެއް ފުރުސަތު
- މެރިން އިންޖިނިއަރިން، ޑިގްރީ، އެއް ފުރުސަތު
- ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް، ޑިގްރީ، އެއް ފުރުސަތު
އެ ފައުންޑޭޝަނުން ހުޅުވާލި ސްކޮލޮޝިޕް ފުރުސަތު ތަކުގެ ތެރެއިން، ސީމާ/ އޭސީސީއޭ އަށް ކިޔެވުމުގެ ފުރުސަތު ރާއްޖެއިންދޭއިރު، މެކޭނިކަލް އަދި މެރިން އިންޖިނިއަރިންގެ ދާއިރާއިން ކިޔެވުމުގެ ފުރުސަތު ދޭނީ ސްރީ ލަންކާއިން ނެވެ. އަދި ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމަށް ފުރުސަތު އެ ފައުންޑޭޝަނުން ކަނޑައަޅާ ގައުމަކުންދޭން ނިންމާފައިވާއިރު، މެޑިސިން ކިޔަވައިދޭ ގައުމެއް ބުނެފައެއްނުވެ އެވެ.
ސްކޮލާޝިޕްތަކުގެ ޝަރުތުތަކުގައި ތެރޭގައި ސީމާ/ އޭސީސީއޭ އާއި މެކޭނިކަލް އަދި މެރިން އިންޖިނިއަރިން އަދި ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމަށް ކިޔަވުމަށްފަހު އެނބުރި އައިސް ރާއްޖޭގައި ތިން އަހަރު ދުވަހު ހިދުމަތްކުރަންޖެހެ އެވެ. އެ ދާއިރާތަކަށް ކުރިމަތިލެވޭނީ ޖީސީއީ އޭ ލެވެލް ފެންވަރު ހުރި މީހުންނަށެވެ.
މެޑިސިން ގެ ދާއިރާއިން ކިޔެވުން ނިންމާލުމަށްފަހު ފަސް އަހަރު ރާއްޖޭގައި ހިދުމަތް ކުރުމަށް ޝަރުތުކޮށްފައިވާއިރު، އެމްބީބީއެސް ނިންމުމަށް ފަހު، އަންނަ މަހުގެ 30 ވަނަ ދުވަަހާ ހަމައަށް ރާއްޖޭގައި މަސައްކަތް ކުރާތާ ދެ އަހަރު ވެފައިވާ މީހަކަށްވާންޖެހެ އެވެ.