30 Mar 2016, 19:09
މޯލްޑިވިސް އެތުލެޓިކްސް އެސޯސިއޭޝަންގެ މި އަހަރުގެ ބަޖެޓަކަށް 4.8 މިލިއަން ރުފިޔާ ހިމަނައި ފާސްކޮށްފިއެވެ.
މިއަދު ބޭއްވި އެތުލެޓިކްސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި މިއަހަރަށް ލަފާ ކުރާ ބަޖެޓް ފާސްކޮށްފައިވަނީ ހުށަހެޅިގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ވޯޓްގައި ބައިވެރިވި ކުލަބު ތަކުގެ އަޣުލަބިއްޔަތުންނެވެ.
މައިގަނޑު ތިން ބަޔަކަށް ބަހާލެވިގެން ހަދާފައިވާ އެ ބަޖެޓްގައި އެތުލެޓިކްސް އެސޯސިއޭޝަނުން ބައިވެރިވާ ކުޅިވަރު ތަކަށް 2.3 މިލިއަން ރުފިޔާ ހިމަނާފައިވާ އިރު ޓްރެއިނިން ޕްރޮގްރާމްތަކަށް ހަރަދުވާނެ ކަމަށް ހިމަނާފައިވަނީ 2.2 މިލިއަން ރުފިޔާ އެވެ. ތިން ވަނަ ބަޔަކަށް ތިން ލައްކަ ރުފިޔާ ބަޖެޓްގައި ހިމަނާފައި ވަނީ އިދާރީ ހިންގުންތަކަށެވެ.
އެތުލެޓިކްސް އެސޯސިއޭސަނުން ހިންގާ އަދި ބައިވެރިވާ ކުޅިވަރުތަކަށް 2.3 މިލިއަން ރުފިޔާ ހިމަނާފައިވާ އިރު އޭގެ ތެރެއިން 1.1 މިލިއަން ރުފިޔާ އަކީ ރާއްޖެ އިން ބޭރުގައި ބާއްވާ މުބާރާތްތަކުގެ ތެރެއިން އެ އެސޯސިއޭޝަންގެ އެތުލީޓުންނަށް ހާއްސަ ކުރެވިފައިވާ އަދަދެވެ. އަދި ރާއްޖޭގައި ބާއްވާ މުބާރާތްތަކަށް ހަރަދުވާނެ ކަމަށް ބެލެވިފައިވަނީ 1.2 މިލިއަން ރުފިޔާ އެވެ.
ކުރިއަށް އޮތް ހަތަރު އަހަރަކީ އެތުލެޓިކްސް އެސޯސިއޭޝަނުން ދުރުރާސްތާ ގިނަ ޕްލޭންތަކެއް ކުރެވިގެންދިޔަ ދައުރަކަށް ވުމާއި އެކު އެތުލީޓުން ތަމްރީން ކުރުމަށް އަންނަނީ ބޮޑު އިސަކަމެއް ދެމުންނެވެ. އެގޮތުން 2.2 މިލިއަން ރުފިޔާގެ ބަޖެޓެއް ޓްރެއިނިންތަކަށް ހާއްސަ ކުރެވިފައިވާ އިރު ރާއްޖެ އާއި އަދި ރާއްޖޭން ބޭރުގެ ޓްރެއިނިން ޕްރޮގްރާމްތަކަށް ވެސް ވަނީ 1.1 މިލިއަން ރުފިޔާ ހިމަނާފައެވެ.
ބަޖެޓްގެ އިތުރުން މިއަދުގެ ކޮންގްރެސްގައި ވަނީ މިއަހަރަށް ކަނޑައަޅާފައިވާ ކުޅިވަރު ކަލަންޑާރާއި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި ފައިނޭންޝަލް ރިޕޯޓް ވެސް މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ.