30 Mar 2016, 17:28
އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އިސް މާހިރުން ހިމެނޭ ގޮތަށް ސިންގަޕޫރުގައި އުފައްދާފައިވާ "ރޯޔަލް އިންސްޓިޓިއުޝަން"އިން، އެތަނުން އަރުވާ އެންމެ މަތީ ޝަރަފު ކަމުގައިވާއޮނަރަރީ ފެލޯގެ މަގާމު، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމަށް އެރުވުމަށް ނިންމައިފި އެވެ.
ރޯޔަލް އިންސްޓިޓިއުޝަނުން، އެތަނުގެ ހަތްވަނަ ގްލޯބަލް ކޮންފަރެންސް، ހަތެއް މެއި 2016 ވަނަ ދުވަހު މާލޭގެ ހޮޓެލް ޖެންގައި ބާއްވަން ވަނީ ނިންމައިފަ އެވެ.
އެ އިންސްޓިޓިއުޝަނުން ކުރި އިއުލާނެއްގައި ބުނީ، އެ ކޮންފެރެންސްގައި އެކިއެކި ދާއިރާތަކުން މެހެމާނުން ތަގުރީރު ކުރައްވާނެ ކަމަށާއި، އެބޭފުޅުންގެ ތަގުރީރުތައް ބިނާކުރައްވާނީ އިޖްތިމާއީ ކުރިއެރުމާއި، ވިޔަފާރިއާއި ސިނާއީ ތަރައްގީގެ އިތުރުން، ތައުލީމާއި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ މައުޟޫއަށް ކަމަށެވެ.
އަދި މި މައުޟޫއުތަކަށް ބިނާކޮށް އެކި ފަރާތްތަކުން ރީސާޗް ކަރުދާސްތައް ހުށަހެޅުމަށް ވެސް ހުޅުވާލާފައިވާ އިރު، އެ ރީސާޗްތައް ރޯޔަލް އިންށްޓިޓިއުޝަނުން އެކި ގޮތްގޮތުން ފީޗާ ކުރާނެ ކަމަށް ރޯޔަލް އިންސްޓިޓީއުޝަނުން ބުނެ އެވެ.
މީގެ އިތުރުން، މި ކޮންފަރެންސްގައި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އެ އިންސްޓިޓިއުޝަނުގެ އޮނަރަރީ ފެލޯގެ ޝަރަފު އެރުވުން އޮންނާނެ ކަމަށާއި، އެއީ އެ އިންސްޓިޓިއުޝަނުން އަރުވާ އެންމެ ޝަރަފުވެރި އަދި އިއްޒަތްތެރި ޝަރަފު ކަމަށް އެ އިންސްޓިޓިއުޝަނުން ބުނެފައި ވެ އެވެ.
ރޯޔަލް އިންސްޓިޓިއުޝަނަކީ، އިލްމީ، ޕްރޮފެޝަނަލް ބޭފުޅުންނާއި، ދުނިޔޭގެ އެކި ދާއިރާތަކުގައި ފާހަގަކޮށްލެވޭ ލީޑަރުންނާއި، ވިޔަފާރިވެރިން މެމްބަރުންގެ ގޮތުގައި ހިމެނޭ، އެކްރެޑިޓިންގ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގައި މެމްބަރުންގެ ގޮތުގައި ރަޖިސްޓަރ ވުމުން، ޖަމިއްޔާގެ ފަރާތުން އެ ފަރާތަކަށް ގްލޯބަލް ރިކޮގްނިޝަން ހޯދައިދެ އެވެ.