30 Mar 2016, 17:32
ބާސެލޯނާގެ ޑިފެންޑަރު އެޑްރިއާނޯއަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް ވެސް 'އެލް ކްލެސިކޯ' މެޗު ގެއްލިއްޖެ އެވެ.
ބާސާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ފައިގެ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ބްރެޒިލް ޑިފެންޑަރު އެޑްރިއާނޯއަށް ދިހަ ދުވަހުގެ މުއްދަތެއްގައި ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ.
އެޑްރިއާނޯގެ އިތުރުން ބާސާގެ ފްރާންސް ޑިފެންޑަރު މެތިއު ޖެރެމީއަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެކުވެރިކަމުގެ މެޗެއްގައި ރަޝިއާއާ ދެކޮޅަށް ކުޅެ، 4-2 ލަނޑުން ފްރާންސް މޮޅުވި މެޗުގައި ޖެރެމީގެ ކަކުލަށް ވަނީ އަނިޔާވެފަ އެވެ.
ސްޕެނިޝް ލަލީގާގައި އަންނަ ހޮނިހިރު ދުވަހު ބާސާ އާއި ރެއާލް މެޑްރިޑް ކުޅޭ ވާދަވެރި 'އެލް ކްލެސިކޯ' މެޗަށް ނުކުންނައިރު، ބާސާ އޮތީ ބޮޑު ލީޑަކާއެކު ލީގުގެ އެއް ވަނައިގައެވެ. ލީގުގެ ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ބާސާއާ ދެމެދު ނުވަ ޕޮއިންޓްގެ ފަރަގެއް އޮތްއިރު، ތިންވަނައިގައި އޮތް ރެއާލްއާއި ބާސާއާ ދެމެދު ދިހަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
ބާސާއާއި ރެއާލް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން އަންނަ ހޮނިހިރު ދުވަހުގެ ރޭ 11:30 ގައެވެ. މި މެޗު ކުޅޭނީ ބާސާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައެވެ.