ކުށުގެ ވެށި ރައްކާތެރިކޮށް ބެލެހެއްޓުމާ ބެހޭ އެއްވެސް އުސޫލެއް ނޯންނާނެ ކަމަށް ވިދާޅުވެ ދައުލަތުން އުފުލާފައިވާ އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސްއެޅުމުގެ ދައުވާ އަށް މއ. ކުރިކީލަގެ އަހްމަދު ފަޔާޒު އަލީ ރިޒާ އިންކާރު ކުރައްވައިފި އެވެ.

ފަޔާޒުގެ އިތުރުން އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ސިފައިންގެ ދެ ބޭފުޅުން ކަމުގައިވާ ސ. ފޭދޫ، ބުލްބުލްގޭ އަހްމަދު ތިހާމާއި މާލޭ ދަފްތަރު 617 މޫސާ ޒަމީރު ވެސް ވަނީ އެ ދައުވާ އިންކާރު ކުރައްވާފައެވެ.

އެ ތިން ބޭފުޅުންގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮވުމުން ފަޔާޒު އެ ސަރަހައްދަށްގޮސް އެތަނުގައި ހަރަކާތްތެރިވަމުންދިޔަ ސިފައިންގެ ބޭކަލުންނަށް އަމުރުމައުރޫފު ހިންގައި އެތަން އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށްފަހު ކުށުގެ ވެށި ރައްކާތެރިކޮށް ބެލެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތުގައި އަޅާފައިނުވާ ކަމަށެވެ. އަދި ފަޔާޒުގެ އަމުރަށް ތިހާމާއި ޒަމީރު ލޯންޗުކޮޅަށް އަރައި ކުށުގެ ވެށިން ތަކެތި ނެގުމުގައި ކަމާގުޅުންހުރި ވަސީލަތްތައް ބޭނުންކުރުމަކާ ނުލައި އެއްވެސް ރައްކާތެރިކަމެއް ނެތި މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެހި ކުށުގެ ވެށިން ނަގައިގެން ގެންގޮސްފައިވާ ކަމަށް ވެސް ދައުލަތުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުވާ އަށް ޖަވާބުދާރީވަމުން ފަޔާޒު ވިދާޅުވީ، އޭނާ ލޯންޗުކޮޅު ކައިރިއަށް ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީގެ އިސްވެރިޔާގެ ހައިސިއްޔަތުން ކަމަށެވެ. އެތަނަށް ވަޑައިގެން އެންމެ އިސްކަމެއް ދެއްވީ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތިހާމާއި ޒަމީރަކީ އޭނާގެ ދަށުން މަސައްކަތް ކުރައްވާ ސިފައިންގެ ދެ ބޭފުޅުން ކަމަށާއި އެ ދެ ބޭފުޅުން ލޯންޗުކޮޅަށް އެރީ އޭނާ އެންގެވުމުން ކަމަށް ވެސް ފަޔާޒު ވިދާޅުވިއެވެ. އަދި އެގޮތަށް އޭނާ އެންގެވީ ސިފައިން ލޯންޗުކޮޅަށް އަރައި ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ނޫނީ ފުލުހުން ލޯންޗުކޮޅަށް ނޭރުވުމަށްމަތިންއަންގާފައިވާތީ ކަމަށް ވެސް ފަޔާޒު ވިދާޅުވިއެވެ.

އެ ދައުވާގައި ކުށުގެ ވެއްޓާ ބެހޭގޮތުން ހިމަނާފައިވާ ކަންތައްތަކާ ގުޅޭގޮތުން ފަޔާޒު ވަނީ ސުވާލުތަކެއް އުފައްދަވާފައެވެ.

"ކޮން ފޮތެއްގައިތޯ އޮތީ ކުށުގެ ވެށި ބަލަހައްޓަންޖެހޭ ގޮތް،" ފަޔާޒު ވިދާޅުވިއެވެ.

އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ. އެ ދުވަހު އެ ތިން ބޭފުޅުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަހްމަދު ރަޝީދު ވިދާޅުވިއެވެ.