01 May 2011, 11:39
ޓްރިޕޮލީ : ނޭޓޯއިން ދިން ވައިގެ ޙަމަލާއެއްގައި ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ހަގު ދަރިކަލުން ސައިފުލްޢަރަބް އައްޤައްޒާފީ އާއި ޤައްޒާފީގެ ކާފަދަރިންގެ ތިންބޭފުޅަކު އަވަހާރަވެއްޖެ ކަމަށް ލީބިޔާ ސަރުކާރުން ބުނެފިއެވެ.
ލިބިޔާ ސަރުކާރުގެ ތަރްޖަމާނެއްކަމަށްވާ މޫސާ އިބްރާހީމް ވިދާޅުވީ މިހަތަރު ބޭފުޅުން މަރުވީ ޓްރިޕޮލީގެ މެދުގައިވާ ގެއެއްގައި ތިއްބެވި ވަގުތެއްގައި އެގެއަށް ނޭޓޯގެ މަތިންދާބޯޓުތަކުން ދިން ޙަމަލާތަކެއްގައި ކަމަށާއި ޙަމަލާދިންވަގުތު ޤައްޒާފީއާއި އޭނާގެ އަނބިކަނބަލުން ސަފިއްޔާވެސް އެގޭގައި ތިއްބެވި ކަމުގައެވެ. ނަމަވެސްޤައްޒާފީ އާއި އޭނާގެ އަނބިކަނބަލުން މިޙަމަލާއިން ސަލާމަތްވިކަމަށް މުސާ އިބްރާހީމް ވިދާޅުވި އެވެ.
ނޭޓޯ އިން ވަނީ ޓްރިޕޮލީގައި ހުންނަ ގައްޒާފީގެ ބާބުލްޢަޒީޒިއްޔާ ރިޔާސީ އެކުވެންޏަށް ޙަމަލާތަކެއްދިން ކަމަށް އެއްބަސްވެފައެވެ. ނަމަވެސް ޓްރިޕޮލީގެ އެހެންތަނަކަށް ޙަމަލާ ނުދޭ ކަމަށާއި ޤައްޒާފީގެ ދަރިކަލަކު މަރުވިކަމަށް ލީބިޔާ ސަރުކާރުން ދައްކާވާހަކަތައް ކަށަވަރުނުވާ ކަމަށް ނޭޓޯގެ ތަރްޖަމާނަކު ވިދާޅުވިއެވެ.
ނޭޓޯގެ ޙަމަލާއެއްގައި މަރުވިކަމަށްބުނާ ޤައްޒާފީގެ އެންމެ ހަގު ދަރިކަލުން ސައިފުލް ޢަރަބް އަކީ އުމުރުން 29 އަހަރުގެ ބޭފުޅެކެވެ. އޭނާ މަތީ ތަޢްލީމް ޙާސިލްކުރައްވާފައިވަނީ ޖަރުމަނުންނެވެ. ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ލީބިޔާގެ އިދިކޮޅު އިންތިޤާލީ މޖަިލީހުގެ އިސްތަރްޖަމާން މަޙްމޫދް އައްޝައްމާމްވަނީ މިއީ ރައްޔިތުންގެ ހަމްދަރްދީ ހޯދުމުގެ މަޤްސަދްގައި ގައްޒާފީ ފަތުރާ ޕްރޮޕަގެންޑާ ކަމަށް ސިފަކުރައްވާފައެވެ.
ނޭޓޯގެ ޙަމަލާތައް ކުރިޔަށްދާއިރު ގައްޒާފީއާއި އޭނާގެ ޢައިލާ ތިއްބަވާނީ ބިމުއަޑީގައިވާ ވަރުގަދަ ބިންގަރާސްތަކުގައި ކަމަށާއި ޓްރިޕޮލީގެ މެެދުގައިވާ ގެއެއްގައި ކާފަދަރިންނާއެކު ގައްޒާފީ އާއި އޭނާގެ އަނބިކަނބަލުން ނުތިއްބަވާނެ ކަމަށް ލީބިޔާގެ އިދިކޮޅު އެކްޓިވިސްޓެއް ކަމަށްވާ ޖުމްޢާ އަލްޤުމާތީ ވިދާޅުވިއެވެ. (އަލްޖަޒީރާ)