ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ ރަޝިއާއާ ދެކޮޅަށް ކުޅެ، 4-2 ލަނޑުން ފްރާންސް މޮޅުވި މެޗުގައި އެޓީމުގެ ޑިފެންޑަރު ޖެރެމީ މެތިއުގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ކުޅުމާ ދުރަށްދާން ޖެހިއްޖެ އެވެ.

ބާސެލޯނާގެ ފްރާންސް ޑިފެންޑަރު މެތިއުގެ ވައަތު ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް ބާސާއާއެކު މިސީޒަނުގެ އެއްވެސް މެޗެއްގައި އިތުރަށް ބައިވެރިނުވެވި، ޔޫރޯ 2016 ފުޓްބޯޅަ މުބާރާތް ގެއްލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ރަޝިއާއާ ދެކޮޅަށް ކުޅެ، ފްރާންސް މޮޅުވި މެޗުގެ 53 ވަނަ މިނެޓްގައި ލިބުނު އަނިޔާއާ ގުޅިގެން މެތިއު ދަނޑުން ބާލަން ޖެހުމުން އޭނާގެ މަގާމު ފުރަމުންދިޔައީ ލޫކަސް ޑިގްނޭ އެވެ. މެތިއުއަށް ލިބުނު އަނިޔާއާ ގުޅިގެން ގާތްގަނޑަކަށް އަށް މަސްދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ އެވެ. ނަމަވެސް އަނިޔާގައި ހުންނަން ޖެހޭ މުއްދަތު ޔަގީންވާނީ ސާޖަރީއަށް ފަހު އެވެ.

އުމުރުން 32 އަހަރުގެ ޑިފެންޑަރު މެތިއު ވަނީ މިސީޒަނުގައި ބާސެލޯނާއާއެކު 31 މެޗު ކުޅެފަ އެވެ. ބާސާއަށް އޭނާ މިސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ.

އަމިއްލަ ގައުމުގައި އަންނަ ޖޫން މަހު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރޭ ކުޅުނު މެޗުގައި ރަޝިއާގެ މައްޗަށް ފްރާންސް ކުރި ހޯދީ އެންގޯލޯ ކަންޓޭ އާއި، އަންދްރެ ޕިއެރޭ ގިގްނަކް އާއި، ޑިމިޓްރީ ޕަޔެޓް އަދި ކިންގްސްލޭ ކޮމަން ކާމިޔާބުކުރި ލަނޑުތަކުންނެވެ.