އާޖެންޓީނާގެ ގައުމީ ޓީމާއެކު ލިއޮނެލް މެސީ 50 ލަނޑު ހަމަކޮށްފި އެވެ.

އާޖެންޓީނާ ގައުމީ ޓީމުގެ ކެޕްޓަން މެސީ، އެ ޓީމަށް ކާމިޔާބުކޮށްދިން 50 ވަނަ ލަނޑު ޖަހާފައި ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ބޮލީވިއާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ގައުމީ ޓީމަށް މެސީގެ 50 ވަނަ ލަނޑު ޖަހައިދީފައި ވަނީ ބޮލީވިއާއާ ދެކޮޅަށް ކުޅެ 2-0 ލަނޑުން އާޖެންޓީނާ މޮޅުވި މެޗުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ މެސީ ކާމިޔާބުކުރީ މެޗުގެ 28 ވަނަ މިނެޓްގައެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ބޮލީވިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާއަށް ލިބުނު ޕެނަލްޓީ މެސީ ފޮނުވާލަނީ -- ފޮޓޯ: އޭޕީ

ގައުމީ ޓީމަށް މެސީ ފުރަތަމަ ލަނޑެއް ޖަހައިދީފައި ވަނީ އޭނާގެ އުމުރުން 18 އަހަރުގަ އެވެ. އެއީ 2006 ވަނަ އަހަރުގެ މާޗް އެއް ވަނަ ދުވަހު ކްރޮއޭޝިއާއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު އެކުވެރިކަމުގެ މެޗުގަ އެވެ. ހަމަ އެ އަހަރުގެ ވޯލްޑް ކަޕްގައި ސާބިއާ އަތުން 6-0 ލަނޑުން އާޖެންޓީނާ މޮޅުވި މެޗުގައި ޖެހި ލަނޑާއެކު، ވޯލްޑް ކަޕެއްގައި ލަނޑެއް ކާމިޔާބު ކުރި އެންމެ ޒުވާން ކުޅުންތެރިޔާއަށް މެސީ ވެގެންދިޔަ އެވެ.

ބޮލީވިއާއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ޖެހި ލަނޑާއެކު ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއާ ވަނީ ގާތްކޮށްލައިފަ އެވެ. އާޖެންޓީނާ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ގެބްރިއެލް ބަޓިސްޓޫޓާ ވަނީ 78 މެޗުން 56 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.