30 Mar 2016, 16:13
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރިއަށް އޮތް ދައުރުގެ ރައީސަކަށް ކުރިން ވެސް އެ މަގާމުގައި ހުރި މުހައްމަދު ތޮލާލް އިންތިހާބް ކޮށްފި އެވެ.
މިއަދު ސޯލްޓް ކެފޭ ފަސް ވަނަ ފަންގިފިލާގައި ބޭއްވި އެތުލެޓިކްސް އެސޯސިއޭޝަންގެ އަހަރީ އާންމް ޖަލްސާގައި ރައީސަކު ހޮވުމަށް ބޭއްވި އިންތިހާބު ތޮލާލް ކާމިޔާބުކުރީ އޭނާއާ އެކު ދެން އެ މަގާމަށް ވާދަކުރި މުހައްމަދު ހާނިމާއި އަހުމަދު ފާއިލް ނަން އަނބުރާ ގެންދެވުމުން ނެނގި ފެންނަ ނުފެންނަ ވޯޓް ކާމިޔާބުކޮށްގެންނެވެ.
ޖަލްސާ ފެށެން ކުޑަތަންވެފައި ވަނިކޮށް ހާނިމް އާއި ފާއިލް ނަން އަނބުރާ ނެންގެވުމުން ނެނގި ފެންނަ ނުފެންނަ ވޯޓު ތޮލާލު ކާމިޔާބު ކުރީ ވޯޓްގައި ބައިވެރިވި 13 ކުލަބުގެ އަގުލަބިއްޔަތުންނެވެ.
މިއަދު ބޭއްވި އެތުލެޓިކްސް އެސޯސިއޭޝަންގެ ކޮންގްރެސްގައި މެމްބަރުން ވޯޓް ލަނީ --- ސަން ފޮޓޯ: ފަޔާޒް މޫސާ
އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ކުރިއަށް އޮތް ހަތަރު އަހަރަށް ތޮލާލް އިންތިހާބުވުމާ ގުޅިގެން އޭނާ ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި އެންމެ އިސްކަމެއް ދީގެން ކުރާނެ ކަމަކީ 2022 ވަަނަ އަހަރާއި ހަމައަށް އެ އެސޯސިއޭޝަނުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަން ޖެހޭ މަސަތްކަތްތައް ކުރުން ކަމަށެވެ.
"އޭގެ ތެރޭގައި އަންނަ އަހަރު އޮންނަ އޭޝިއަން ޗެމްޕިއަންޝިޕްގެ ފައިނަލަށް އަޅުގަނޑުމެންގެ އެތުލީޓުން ގެންދިއުން. ދެ ހާސް ނަވާރަ ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕަށް އަޅުގަނޑުމެންގެ އެތުލީޓުން ކޮލިފައި ކުރުން. ދެ ހާސް ވިހި ވަނަ އަހަރުގެ އޮލމްޕިކްސް ގޭމްސް އަށް އެތުލީޓުން ކޮލިފައި ކުރުން،" ކުރިއަށް އޮތް ދައުރުގައި އެތުލެޓިކްސް އެސޯސިއޭޝަނުން އެންމެ އިސްކަމެއް ދީގެން ކުރާނެ ކަންތައްތައް ކަމަށް ތޮލާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތުލެޓިކްސް އެސޯސިއޭޝަންގެ ދުރުރާސްތާ ލަނޑުދަނޑިތަކުގެ ތެރެއިން 2021 ވަނަ އަހަރުގެ އޭޝިއާ ރީޖަނުން ރާއްޖެ އަށް މެޑަލްއެއް ހޯދަައިދިނުމަކީ ވެސް އަމާޒެއް ކަމަށެވެ.
ތޮލާވް ވިދާޅުވީ 2022 ވަނަ އަހަރު އޮންނަ ކޮމަންވެލްތް ގޭމްސް އާއި އޭސިއަން ގޭމްސްގައި ރާއްޖޭން މެޑްލް ހޯދަން މޯލްޑިވިސް އޮލިމްޕިކް ކޮމެޓީން ފަށާފައިވާ މަސައްކަތްތަކަށް އެތުލެޓިކްސް އެސޯސިއޭޝަނުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށާއި އެކަމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް ކުރާނެ ކަމަށެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ކުރިއަށް އޮތް ދައުރުގެ ރައީސް ތޮލާލް(މެދުން ގޮޑީގައި) އަދި އެކްސްކޯގެ ބައެއް މެމްބަރުން --- ސަން ފޮޓޯ: ފަޔާޒް މޫސާ
މިއަދު ބޭއްވި ކޮންގްރެސްގައި އެ އެސޯސިއޭޝަނުގެ ނައިބް ރައީސްގެ މަގާމު ކޯޗު އަހުމަދު އަޒީލް ކާމިޔާބްކުރީ އެންމެ ފަހުން އެ މަގާމުގައި ހުރި މުހައްމަދު މާދިހުގެ މައްޗަށް ތިން ވޯޓުން ކުރި ހޯދައިގެންނެވެ. މާދިހް އަށް ލިބިވަޑައިގަތީ ފަސް ވޯޓެވެ.
މިއަދު އިންތިހާބު ކުރި އެހެން މަގާމުތަކަށް ބަލާ އިރު ހަޒާންދާރުގެ މަގާމަށް ނުވަ ވޯޓާ އެކު މުހައްމަދު ޝިހާން ހޮވުނު އިރު އޭނާއާ ވާދަކުރި އަހުމަދު ރައުޝަން އަށް ލިބުނީ ހަތަރު ވޯޓެވެ. އެކްސްކޯގެ ތިން މެމްބަރުންނަށް ހޮވުނީ 12 ވޯޓާ އެކު މުހައްމަދު ސުޖާއު އާއި އިބްރާހިމް އުމަރެވެ. އަދި އަށް ވޯޓާ އެކު މުހައްމަދު ޝާހިދު އެވެ. އަންހެން މެމްބަރުގެ މަގާމަށް ހޮވުނީ 11 ވޯޓާ އެކު ޔާސްމީން އަބްދުﷲ އެވެ.