30 Mar 2016, 15:22
ކުޑަކުއްޖަކާ އެކު ޖިންސީއަމަލެއް ހިންގުމުގެ ކުށާއި ޑައިމޯފިނުން މުއާމަލާތުކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށްލުމަށް ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.
ކުޅުދުއްފުށީ ކޯޓުން މި މަހުގެ 13 ވަނަ ދުވަހު 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ އެރަށު ލީބިޔާ، ހަސަން އަލީ (22އ) ގެ މައްޗަށެވެ.
ދައުލަތުން އޭނާގެ މައްޗަށް ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ، 2014 ޖެނުއަރީ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކުޑަކުއްޖަކާ ޖިންސީއަމަލެއް ހިންގާފައިވާ މައްސަލައާ ގުޅިގެންނެވެ.
އޭނާ ވަނީ އެ ދައުވާއަށް އިންކާރު ކޮށްފަ އެވެ. ނަމަވެސް ކޯޓުން ކުރި ހުކުމްގައި ވަނީ ދައުވާ ސާބިތުކުރުމަށް ޓަކައި ދައުލަތުން ހުށަހެޅި ހެތްކަށް ބަލާއިރު، ދައުލަތުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެމައްސަލައިގައި އޭނާ 10 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.
އޭގެ އިތުރުން އޭނާގެ މައްޗަށް އުފުލާފައިވާ ޑައިމޯފިނުން ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވެ އޭނާ 15 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.
ދައުލަތުން ހަސަން އަލީގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ 2014 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު އޭނާ ކުޅުދުއްފުށީ ގެއެއްގެ ކައިރީގައި ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރި އިރު އޭނާ ލައިގެންހުރި ގަމީހުގެ ޖީބުން ފެނުނު ބޮޑު ރަބަރު ޕެކެޓްތެރެއިން ޑައިމޯފިން އަޅާފައިހުރި 22 ރަބަރު ޕެކެޓް ފެނިފައިވާ މައްސަލައަކާ ގުޅިގެންނެވެ.
އެ ދައުވާ އަށް ހަސަން އަލީ ވަނީ އިއުތިރާފުވެފަ އެވެ. އެހެންކަމުން އެ މައްސަލައިގައި 15 އަހަރަށް ޖަލަށް ލުމުގެ އިތުރުން ކޯޓުން ވަނީ ހަސަން އަލީ 30،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް ހުކުމްކޮށްފަ އެވެ.
އޭނާގެ މައްޗަށް ސާބިތުވި ދެ ދައުވާއާ އެކު 25 އަހަރުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ.