01 May 2011, 10:25
ޤާހިރާ : މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ނިޒާމާ ދެކޮޅަށް މިދިޔަ ޖަނަވަރީމަހު މިސްރުގެ ރައްޔިތުން ކުރިމުޒާހަރާތަކަށް ބަޑިޖަހައި އެތަށްސަތޭކަބަޔަކު މަރާލި ޖަރީމާތަކުގެ ޒިންމާ އުފުއްލަވަންޖެހޭ ފަރާތަކީ މުބާރަކް ކަން ސާބިތު ވެއްޖެނަމަ ދަންޖައްސައި މެރުމުގެ ޙުކުމެއް އޭނާގެ މައްޗަށް އަންނާނެ ކަމަށް މިސްރުގެ ޖަސްޓިސް މިނިސްޓަރ މުޙައްމަދު ޢަބްދުލްޢަޒީޒު ވިދާޅުވެއްޖެވެ.
މިސްރު އަލްއަހްރާމް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި މުސްތަޝާރު މުޙައްމަދު ޢަބްދުލްޢަޒީޒް ވިދާޅުވީ މުބާރަކްގެ ވެރިކަމާ ދެކޮޅަށް ތެދުވި މިސްރުގެ ރައްޔިތުންގެ ގަޔަށް ބަޑިޖެހުމުން 846 މީހަކު މަރުވެ 6500 އަށްވުރެ ގިނަމީހުން ޒަޚަމްވި ކަމަށާއި ރައްޔިތުންގެ ގަޔަށް ބަޑިޖެހުމަށް އަމުރުކުރެއްވީ މުބާރަކްކަން ސާބިތު ވުމުގެ ފުރްސަތު ވަރަށް ބޮޑުކަމުގައެވެ.
މިމައްސަލަ ބަލާ ފެކްޓް ފައިންޑިންގ ކޮމިޓީ ބުނިގޮތުގައި މުބާރަކާ ދެކޮޅަށް މުޒާހަރާކުރި ރައްޔިތުންގެ ގަޔަށް ބަޑިޖެހުމަށް އަމުރުކުރެއްވުމުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވޭ ފަރާތަކީ މަޤާމުން ދުރުވެފައިވާ މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކެވެ.
މުބާރަކް މިހާރު ހުންނެވީ ތަޙްޤީޤަށްޓަކައި ހައްޔަރު ކުރެވިފައެވެ. ތަޙްޤީޤަށްޓަކައި މުބާރަކް ޖަލުގައި ހައްޔަރު ކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން އަމުރުކޮށްފައިވީ ނަމަވެސް މުބާރަކްގެ ސިއްޙީ ޙާލުކޮޅު ވަރަށް ބޮޑަށް ދަށަށް ދިޔުމާގުޅިގެން އޭނާގެ ހައްޔަރު ކުރެވިފައިވަނީ ޝަރްމުއްޝައިޚް ގެ ހޮސްޕިޓަލެއްގައެވެ.
މުބާރަކްގެ އިތުރުން އޭނާގެ ދެދަރިން ކަމަށްވާ ޖަމާލް އާއި ޢަލާ ވެސްވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ތަޙްޤީޤް ތަކެއް ކުރުމަށް ޖަލުގައި ހައްޔަރު ކުރެވިފައެވެ. މީގެއިތުރުން މުބާރަކްގެ އަނބިކަނބަލުން ސޫޒާންގެ މައްޗަށްވެސް ކޮރަޕްޝަންގެ ތުހުމަތުތަކެއްވަނީ ކުރެވިފައެވެ.
މުބާރަކް ގެ ވެރިކަން މިދިޔަ ފެބްރުއަރީ މަހު ވެއްޓުނީ މިސްރުގެ ރައްޔިތުން އޭނާގެ ވެރިކަމާ ދެކޮޅަށް އުތުރިއަރައި ރައްޔިތުން ގެނައި އިންޤިލާބަކުންނެވެ. (އަލްޖަޒީރާ)