ނެދަލެންޑްސްގައި އަންނަ އޭޕްރީލް މަހު ބާއްވާ ރޮޓަޑަމް މެރަތަން ރޭހުގައި ދުވުމަށް ރާއްޖޭގެ މެރަތަން ދުވުންތެރިޔާ އަހްމަދު ޝަރަފް ތައްޔާރުވެއްޖެ އެވެ.

ޑރ. ހުސައިން ހަލީމް (ކުޑަހުސެން) ހަދާފައިވާ ގައުމީ ރެކޯޑް މުގުރާލުމަށް އަމާޒު ހިފާފައިވާ ޝަރަފް، ރޮޓަޑަމް މެރަތަންގައި ދުވުމަށް ހަމަޖެހިފައި ވަނީ މި ފެށޭ މަހުގެ 10 ވަނަ ދުވަހު އެވެ. މިއީ ނެދަލެންޑްސްގައި ބާއްވާ އެންމެ ބޮޑު މެރަތަން ރޭހެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ދިން އެއް އަހަރު ދުވަހުގެ ސްކޮލަޝިޕެއްގައި ޝަރަފް މިހާރު ދަނީ އިތިއޯޕިއާގައި ތަމްރީންތަކެއް ފުރިހަމަކުރަމުންނެވެ. އޭނާ ތަމްރީން ހަދަމުންދަނީ އިތިއޯޕިއާގެ މަޝްހޫރު ކޯޗު ހާޖީ އަޑިލޯގެ އިރުޝާދުގެ ދަށުންނެވެ. ޝަރަފް ވާދަކުރާ ރޮޓަޑަމް މެރަތަން ވެގެންދާނީ ސްކޮލަޝިޕް ހަދަން ފެށި ފަހުން ވާދަކުރާ ފުރަތަމަ މުބާރާތަށެވެ.

ޑަބްލިން މެރެތަންގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ދުވެ ޝަރަފް ވަނީ ދެ ގަޑި 57 މިނެޓުން ރޭސް ނިންމައި، މެރަތަން ރޭހެއް ތިން ގަޑިއިރަށް ވުރެ އަވަހަށް ނިންމި ދެވަނަ ދިވެއްސަށް ވެފަ އެވެ.

ސާފް ގޭމްސް 1989ގައި ދުވެ، ކުޑަހުސެން ގައުމީ ރެކޯޑް ހެދީ ދެ ގަޑި 45 މިނެޓުން ރޭސް ނިންމައިގެންނެވެ. ޑަބްލިން މެރަތަން ޝަރަފް ނިންމާފައި ވަނީ ކުޑަހުސެންގެ ރެކޯޑަށް ވުރެ 11.91 މިނެޓް ލަހުންނެވެ.