މި އަހަރު ތެރޭގައި ސްރީލަންކާގެ ސަރުކާރުން ތިން ބިލިޔަން ޑޮލަރުގެ ސޮވެރިން ބޮންޑު، ބޭރުގެ އިންވެސްޓަރުންނަށް ވިއްކާނެ ކަމަށް އެ ގައުމުގެ ސެންޓްރަލް ބޭންކުން އިއުލާނު ކޮށްފި އެވެ.

ސްރީލަންކާގެ ސެންޓްރަލް ބޭންކުން އިއުލާނު ކުރި ގޮތުގައި، އެ ބޭންކުން މި އަހަރު ތެރޭގައި ބޮންޑު ދޫކުރާނީ އެމެރިކާ ޑޮލަރުންނާޢި ޗައިނީޒް ޔުއާން އިންނެވެ. އަދި ދިގު މުއްދަތެއްގެ ތެރޭގައި މި ބޮންޑު އަނބުރައި ދެއްކޭނެ ކަމަށާއި ބޮންޑު ގަންނަ ފަރާތްތަކަށް ސްރީލަންކާގައި އިންވެސްޓް ކުރުމުގެ ފުރުސަތު ދެވޭނެ ކަމަށް ސެންޓްރަލް ބޭންކުން ބުންޏެވެ.

އެ ބޭންކުން އިތުރަށް ވަނީ، ބޮންޑު ދޫކުރުމެ މަސައްކަތުގައި ލީޑު މެނޭޖަރުންގެ ގޮތުގައި މަސައްކަތް ކުރާން ޝައުގުވެރިވާ ބޭންކުތަކާއި އިންވެސްޓަރުން އެކަމަށް ހުށަހެޅުމަށް އެދޭ ކަމަށް ބުނެފަ އެވެ.

އެހެން ނަމަވެސް، ބޮންޑު ދޫކުރަން ފަށާނެ ތާރީޚެއް ލަންކާގެ ސެންޓްރަލް ބޭންކުން ހާމަކޮށްފައެއް ނުވެ އެވެ.

މިދިޔަ އަހަރު ތެެރޭގައި ސްރީލަންކާގެ ސަރުކާރުން ވަނީ އެއް ބިލިޔަން ޑޮލަރުގެ ބޮންޑު ވިއްކުމުގެ ޕްރޮގްރާމެއް ވެސް ލޯންޗު ކޮށްފަ އެވެ.