މޭޖާ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވި ސިފައިންގެ އަހަރީ ބަޑި މުބާރާތް 2016 ނިންމާލައިފި އެވެ.

އެ މުބާރާތް ނިންމުމުގެ ގޮތުން މިއަދު ގިރިފުށީ ޓްރޭނިންގް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި މި މަހުގެ 20 ވަނަ ދުވަހު ފެށި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ އިންޑިވިޖުއަލް އަދި ޓީމް އިވެންޓްތައް ހިމަނައިގެންނެވެ.

މިއަހަރުގެ ބަޑި މުބާރާތުގެ އިންޑިވިޖުއަލް ކެޓަގަރީން އެންމެ މޮޅު ބަޑިޖެހުންތެރިއަކަށް ހޮވިފައި ވަނީ ސްޓާފް ސާޖަންޓް މުހައްމަދު އަލީ އެވެ.

ބަޑި މުބާރާތުން އިންޑިވިޖުއަލް ކެޓަގަރީން އެންމެ މޮޅު ބަޑިޖެހުންތެރިއަކަށް ހޮވިފައިވަނީ ސްޓާފް ސާޖަންޓް މުހައްމަދު އަލީ --- ފޮޓޯ: އެމްއެންޑީއެފް

ދެ ގިންތިއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ޓީމް އިވެންޓުތަކުން ގިންތި އެކެއްގެ އެއްވަނަ ޓީމަކަށް ހޮވިފައި ވަނީ އެމްއެންޑީއެފް މާލޭ އޭރިއާ، ހުޅުލޭ ޕޯސްޓްގެ ސިފައިންނެވެ. އަދި ދެވަނަ ގިންތިން އެއްވަނައަށް ދިޔައީ އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ) އެވެ.

ސިފައިންގެ އަހަރީ ބަޑި މުބާރާތަކީ މޭޖާ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ކުރިއަށް ގެންދާ މުބާރާތެކެވެ.

އަލްމަރްޙޫމް މޭޖާ އިނގިރޭސި އުމަރު މަނިކަކީ ސިފައިންގެ ހިދުމަތުގައި ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ، އިހުލާސްތެރިކަމާ ވަފާތެރިކަމާ އެކު ސިފައިންގެ ބަޑިގުދަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތް ކުރައްވާފައިވާ އޮފިސަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އޮފިސަރެކެވެ.

ބަޑި މުބާރާތަކީ ސިފައިންގޭގައި ބޭއްވޭ މުބާރާތްތަކުގެ ތެރެއިން އެންމެ ދުވަސްވީ މުބާރާތެވެ.