އެމްޑީޕީ އިސް މަގާމުތަކަށް މެމްބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ރައީސްގެ މަގާމަށް ވާދަކުރެއްވި ޑރ. އިބްރާހިމް ދީދީ، ރައީސްގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސެއިން ޒަކީއާ ވާދަކުރައްވައި، 355 ވޯޓު އިތުރަށް ހޯއްދަވައިގެން، އިންތިހާބީ ރޭހުގެ ކުރި ހޯއްދަވައިފި އެވެ.

އިންތިހާބުގައި ވޯޓުލުމަށް ބެހެއްޓި 218 ފޮށީގެ ތެރެއިން 121 ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، ޑރ. ޑީޑީ އަށް ލިބިވަޑައިގަތީ 6909 ވޯޓު އެވެ. ޒަކީއަށް 6554 ވޯޓެވެ.

ނައިބު ރައީސްގެ ރޭހުގެ ކުރި ހޯއްދަވައިފައިވަނީ، 7709 ވޯޓާއެކު މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ އެވެ. އޭނާއާ އެންމެ ގާތުން ދެން ވޯޓު ހޯއްދެވީ ހައުސިން މިނިސްޓާ އަސްލަމެވެ. އޭނާއަށް ލިބިވަޑައިގަތީ 5421 ވޯޓެވެ. މި އިންތިހާބަށް އެއްވެސް ކެމްޕޭނެއް ނުކުރައްވައި ހުސައިން އާދަމް )އާދަމްބެ( އަށް 71 ވޯޓު ލިބިވަޑައިގަތެވެ.

ދެން ބާކީ ނުގިނި ވަނީ 97 ފޮއްޓެވެ. ނަމަވެސް، އެ ފޮށިން ނުކުންތަ ނަތީޖާއިން އިންތިހާބުގެ ވަގުތީ ނަތީޖާއަށް މާބޮޑު ބަދަލެއް ނާންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެހެންކަމުން މިހާތަނަށް ފެންނަ ގޮތުގައި، އެމްޑީޕީގެ އާ ދައުރުގެ ރައީސަކަށް ހުންނަވާނީ ޑރ. ޑީޑީ އެވެ. އަދި ނައިބު ރައީސް ކަން ކުރައްވާނީ އިދިކޮޅު ޑީއާރްޕީގެ ތެރެއިން ސިޔާސީ މައިދާނަށް ނުކުންނެވުމަށްފަހު އެމްޑީޕީއާ ގުޅިވަޑައިގެންނެވި އަލްހާނެވެ. ދެބޭފުޅުން ވެސް ނިސްބަތްވަނީ އައްޑޫ އަށެވެ.

އެމްޑީޕީގެ އެތެރޭގެ އިސް މަގާމުތަކަށް މެމްބަރުން އިންތިހާބުކުރުމަށް ބޭއްވި އެ އިންތިހާބުގައި އެ ޕާޓީ އަށް ރަޖިސްޓްރީކޮށްފައިވާ 46،125 މެމްބަރުންގެ ތެރެއިން އެންމެންނަށް ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ ހަމައެކަނި ޕާޓީގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވާ ބޭފުޅުންނަށެވެ. ނަމަވެސް، ވޯޓު ލާފައި އެވަނީ ވަރަށް މަދު ބަޔެކެވެ.