30 Mar 2016, 13:40
ލާނަކާ (މާޗް 30): އިއްޔެ ހައިޖެކް ކުރި އިޖިޕްޓްއެއާގެ އެމްއެސް181އިން ދަތުރުކުރި ގިނަ ފަސިންޖަރުން ވަނީ އެއީ "ވަރަށް ބިރުވެރި" ތަޖުރިބާއެއްގެ ގޮތުގަ ސިފަކޮށްފަ އެވެ. ނަމަވެސް، ބޯޓު ހައިޖެކް ކުރި ސައިފް އަލްދިން މުސްތަފާއާ އެއްކޮށް އެއް ފަސިންޖަރަކު ނެގި ފޮޓޯއަކުން ފެނިގެން ދަނީ ތަފާތު މަންޒަރެކެވެ.
ގާތްގަނޑަކަށް ހަ ގަޑިއިރަށް ބޯޓު ހައިޖެކް ކުރި މުސްތަފާ ވަނީ ސައިޕްރަސްގެ ވެރިރަށް ލާނަކާގައި ބޯޓު ޖެއްސިތާ މާގިނަ އިރުތަކެއް ނުވެ ހަތަރު ފަސިންޖަރުން ފިޔަވާ ބާކީ ފަސިންޖަރުން ދޫކޮށްލާފަ އެވެ. އިނގިރޭސި ރައްޔިތެއް ކަމަށްވާ ބެން އައިންސްއަކީ ބޯޓުގައި މަޑުކުރަން ޖެހުނު ފަސިންޖަރުންގެ ތެރެއިން އެކަކެވެ.
"ލާނަކާގައި ބޯޓު ޖެއްސުމަށް ފަހު ގާތްގަނޑަކަށް އެއްގަޑިއިރާ ބައިވީ ފަހުން އަހަރެން އެހިން އޭނައާ އެއްކޮށް ފޮޓޯއެއް ނެގޭނެތޯ. އަހަރެން ހިތަށް އެރީ ކީއްވެހޭ ނުނަގަންވީ،" އިނގިރޭސި ނޫހަކަށް މައުލޫމާތު ދެމުން އައިންސް ބުންޏެވެ.
އައިންސް ބުނި ގޮތުގައި ފޮޓޯ ނެގުމަށް މުސްތަފާގެ ފަރާތުން ހުއްދަ ހޯދީ ކެބިން ކްރޫ މެދުވެރިކޮށް އެނާއާ ވާހަކަ ދައްކައިގެންނެވެ. އަދި ފޮޓޯ ނަގަން އެއްބަސްވުމުން ކްރޫ މެމްބަރެއްލައްވާ ފޮޓޯއެއް ނެގީ އެވެ.
ފޮޓޯ ނެގި ސަބަބަކާ ބެހޭ ގޮތުން ސުވާލު ކުރުމުން އޭނާ ބުނީ އެއީ މުސްތަފާ އަޅައިގެން ހުރި ގޮވާ ތަކެތި ހަރުކޮށްފައިވާ ބެލްޓު ކައިރިން ބަލާލުމަށް ކަމަށެވެ.
"އަހަންނަކަށް ޔަގީނެއް ނޫން އެކަން ކުރީ ކީއްވެގެން ކަމެއް. އަހަރެން މަސައްކަތް ކުރީ އަހަރެންގެ ރައްކާތެރިކަމަށް ފަރުވާލެއް ނެތި އެފަދަ ނުރައްކާތެރި ވަގުތެއްގައި ވެސް އުފަލުން ހުންނަން. އަހަރެން ހިތަށް އެރީ އެއީ އަސްލު ބޮމެއް ނަމަ ދެން އިތުރަށް މިކަން ގޯސްވާނެ ގޮތެއް ނޯންނާނެއޭ، އެހެންވެ ބެލްޓު ކައިރިން ބަލާލުމަށް ފުރުސަތެއް ހޯދީ،" އައިންސް ބުންޏެވެ.
ހެލްތު އެންޑް ސޭފްޓީ އޮޑިޓަރެއް ކަމަށްވާ އައިންސް ހަމައެކަނި ފޮޓޯނެގީއެއް ނޫނެވެ. އޭނާ ވަނީ އެފޮޓޯ އޭނާގެ އެކުވެރިޔަކަށް ފޮނުވާފަ އެވެ. އަދި އެއެކުވެރިޔާ ވަނީ އައިންސްގެ ހާލު ރަނގަޅުތޯ ސުވާލުކޮށް ބޯޓުން ފޭބުމުން އޭނާ އަށް އެންގުމަށް އެދިފަ އެވެ.
ކޮންމެއަކަސް އައިންސް "އެންމެ މޮޅު ސެލްފީ"ގެ ގޮތުގައި ސިފަ ކުރާ އެފޮޓޯ ވަނީ މާގިނަ އިރުތަކެއް ނުވެ އާއްމުވެފަ އެވެ. ބައެއް ފަރާތްތަކުން އައިންސް ހިތްވަރުގަދަ ކަމަށް ތައުރީފުކޮށްފަ އެވެ. ނަމަވެސް ސަލާމަތީ ފަރާތްތަކުން ވަނީ އޭގެ ސަބަބުން ބާކީ ތިބި ފަސިންޖަރުން ނުރައްކަލަށް ހުށަހެޅުނު ކަމަށް ބުނެ އެއަމަލު ކުށްވެރި ކޮށްފަ އެވެ.
"އެއީ ކަންތައްތައް އިތުރުށް ގޯސްވާން މަގުފަހިކޮށްފާނެ ޒިންމާދާރުކަން ކުޑަ އަމަލެއް. އަމިއްލަ އެދުމުން ފުރިފައިވާ އެއަމަލަކީ ވަރަށް މޮޔަ ކަމެއް،" ސަލާމަތާ ބެހޭ މާހިރެއް ކަމަށްވާ ވިލް ގެޑްސް ވިދާޅުވި އެވެ.
އައިންސްއާއި ބާކީ ފަސިންޖަރުން ދޫކޮށްލީ އެންމެ ފަހުންނެވެ. އަދި އޭގެ ފަހުން މުސްތަފާ ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފަ އެވެ. އޭނާ ބޯޓު ހައިޖެކް ކުރީ ކީއްވެކަން އަދި ޔަގީން ކުރެވިފައި ނުވެ އެވެ. (ގާޑިއަން)