30 Mar 2016, 13:27
ދުނިޔޭގެ ބާޒާރުގައި ސްމާޓްފޯން ލިބެން ހުރި އަގު ތަކަށް ވުރެ މާ ހެޔޮ އަގުތަކަކާއި އެކު އެންމެފަހުގެ އައިފޯން އެސްއީގެ ޕްރީ އޯޑަރަށް ދިރާގުން ހުޅުވާލައިފި އެވެ.
ދިރާގުގެ 12 މަސްދުވަހުގެ ކޮންޓްރެކްޓް ޕްލޭނަކާއެކު އެ ފޯނު ގަންނަން ބޭނުންވާ ފަރާތްތަކަށް -/3999 ދައްކައިގެން ފޯން ހޯދިދާނެ އެވެ.
ދިރާގުން ބުނީ އެ ޕްލޭން ނަގާ ފަރާތްތަކަށް ހާއްސަ ޕޯސްޓްޕެއިޑް ޕެކޭޖަކާއެކު އެސްއެމްއެސް އާއި 1 ޖީބީގެ ޑާޓާ އާއި 1500 މިނެޓުގެ ޓޯކްޓައިމް އެލަވަންސެއްގެ އިތުރުން ހިލޭ ގުޅޭ އެއް ނަންބަރު ވެސް އެ ޕެކޭޖުގެ ތެރެއިން ލިބޭނެ ކަމަށެވެ.
އޭގެ އިތުރުން ދިރާގުގެ ޕްލޭނެއް ނުނަގާ ފަރާތްތަކަށް ވެސް އެއްފަހަރާ ފައިސާ ދައްކައިގެން އެންމެ -/7799 އަށް އައިފޯން އެސް.އީ ދިރާގުން ލިބޭނެ ކަމަށް އެ ކުންފުނިން ނެރުނު ބަޔާނެއްގައިވެ އެވެ.
ދިރާގުން ވަނީ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ޕްރީ އޯޑާ ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އަދި އޭޕްރީލް ހަ ވަނަ ދުވަހުން ފެށިގެން، ޝަރުތު ހަމަވެ ފައިސާ ދައްކާ ފަރާތްތަކަށް ފޯނުތައް ހަވާލުކުރަން ފެށާނެ ކަމަށް ދިރާގުން މައުލޫމާތުދެ އެވެ.
އައިފޯން އެސްއީ ގެ ޕްރީއޯޑަރ އަށް ރޭ ހުޅުވާލައިފާވާއިރު ދިރާގާއި އެހެނިހެން ނެޓްވޯކްތަކުގެ ކަސްޓަމަރުންނަށް ވެސް އެއް އަގުތަކެއްގައި ތަފާތު ކުރުމެއް ނެތި ޕްރީ އޯޑަރ ކުރެވޭ ގޮތަށް ދިރާގުން ވަނީ ހަމަޖައްސަވާފައެވެ.
ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދް ޖަލީލް ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ އެންމެ ފަހުގެ ފޯން ތަކާއި ހިދުމަތްތައް އެކުންފުނީގެ ކަސްޓަމަރުންނަށް ވީހާވެސް އަވަހަކަށް، އެންމެ ހެޔޮއަގުގައި ފޯރުކޮށްދިނުމަށް ކަމަށެވެ.
އެގޮތުން އެ ފޯނުގެ ޕްރީ އޯޑާ ވެސް އެ ކުންފުނިން ހުޅުވާލީ އެ ކުންފުނީގެ ކަސްޓަމަރުނަކީ އައި ފޯނު ލޯންޗް ވެގެންދާއިރު އެންމެ ފުރަތަމަ ފޯން ލިބޭ ކަސްޓަމަރުންގެ ގޮތުގައިވުމުގެ ފުރުސަތު ހޯދަދިނުމަށް ކަމަށް އިމްޖާދު ވިދާޅުވި އެވެ.