30 Mar 2016, 13:28
ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް މާލީ އެހީ ދިނުމަށް ނިންމައި، އެކަމާ ބެހޭގަވާއިދުއާންމުކޮށްފި އެވެ.
އެއީ އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އަށް ލިބިދޭ އިހުތިޔާރުގެ ދަށުން ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯ ތަކެތި ގަތުމަށް މާލީ އެހީ ދިނުމުގެ އެންމެހައި އުސޫލުތައް ބަޔާންކުރުމަށް އުފައްދާފައިވާ ގަވާއިދެކެވެ.
ގެޒެޓުގައި އާންމުކޮށްފައިވާ ގަވާއިދުގައިވާ ގޮތުން، ކާބޯތަކެތި ގަތުމަށް އެހީ ދެވޭނީ ކާޑުގެ ބާވަތްތަކުގެ ތެރެއިން ހަނޑޫ، ހަކުރު އަދި ފުށަށް އެކަންޏެވެ.
އަދި ޝަރުތު ހަމަވާ ވަކި ވަކި ފަރުދުންނަށް ކޮންމެ މަހަކު 40 ރުފިޔާ ލިބިދެވޭނެ ކަމަށާއި އެހީއަށް އެދި ހުށަހަޅާ ކޮންމެ ގޭބިސީއަކަށް ގިނަވެގެން މަހަކު 240 ރުފިޔާ ދިނުމަށް ވަނީ ހަޖަމައްސާފަ އެވެ.
ގަވާއިދުގައިވާ ގޮތުން، އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަކި ވަކި ފަރުދުންނަށް އަހަރެއްގެ މައްޗަށް ގިނަވެގެން ލިބޭނީ 480 ރުފިޔާ އެވެ. ގޭބިސީއަކަށް ގިނަވެގެން ލިބޭނީ 2880 ރުފިޔާ އެވެ.
އެ ގަވާއިދުގެ ދަށުން، ކާބޯތަކެތި ގަތުމަށްދެވޭ މާލީ އެހީގެ އިނާޔަތްތައް ދިނުމުގައި ގެންގުޅޭނެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމާއި ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ މިންވަރުތައް ކަނޑައެޅުމާއި ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީތައް ދިނުން މެދުކަނޑާލުމާއި ހުއްޓާލުމުގައި ގެންގުޅޭނެ އުސޫލުތައް ވެސް ކަނޑައެޅިގެންދާނެ އެވެ.
މިގަވައިދުގެ ދަށުން ކުރަން ޖެހޭ އެންމެހާ ކަންކަން ތަންފީޒުކޮށް ހިންގާނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އިންނެވެ.
ފަގީރުންނަށްދޭ މާލީ އެހީތެރިކަން ދޭނީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ މިންވަރަށް ވުރެ މަދުން އާމްދަނީ ލިބޭ އަދި ދިރިއުޅުމުގެ ހާލަތު ދަށް ފަރާތްތަކަށެވެ. އާމްދަނީ ކަމުގައި ބުނެފައި ވަނީ ގަވައިދުން މަހުން މަހަށް ލިބޭ ފައިސާއާއި އިނާޔަތްތައް ނުވަތަ ގަނޑުކޮށް މީހަކަށް ލިބޭ ފައިސާގެ އިނާޔަތްތަކެވެ.
ކާބޯތަކެތި ގަތުމަށް މާލީ އެހީ ލިބޭ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީ ކުރެވޭނީ ޝަރުތު ހަމަވާ ފަރާތްތަކެވެ.