ރާއްޖެ އާއި ރާއްޖެ އިން ބޭރުން މަތީ ތައުލީމު ހާސިލު ކުރުމަށް ބޭނުންވާ ފަރާތްތަކަށް 525 ލޯން ފުރުސަތު ޑިޕާޓުމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ހުޅުވާލައިފި އެވެ.

އެ ޑިޕާޓުމަންޓުން މިއަދު ކޮށްފައިވާއިއުލާނެއްގައި ބުނެފައި ވަނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި މަތީ ތައުލީމަށް ކިޔެވުމުގެ 525 ފުރުސަތު ހުޅުވާލައިފައިވާ ކަމަށާއި އަންނަ މަހުގެ 21 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ރާއްޖެއިން ހުޅުވާލައިފައިވާ ބައެއް ފުރުސަތު:

  • ޑިޕްލޮމާއިން ނާސިން: 30 ފުރުސަތު
  • ޑިޕްލޮމާއިން ޓީޗިން: 30 ފުރުސަތު
  • ޑިޕްލޮމާއިން އޭސީސީއޭ: 10 ފުރުސަތު
  • ބެޗްލާސް ޑިގްރީއިން ޓީޗިން: 50 ފުރުސަތު
  • ބެޗްލާސް ޑިގްރީއިން ނާސިން: 30 ފުރުސަތު

ރާއްޖެއިން ބޭރުން ހުޅުވާލައިފައިވާ ބައެއް ފުރުސަތު:

  • ޑިޕްލޮމާއިން އެއާކްރާފްޓް މެއިންޓެނަންސް އިންޖިނިއަރިން: 10 ފުރުސަތު
  • ބެޗްލާސް ޑިގްރީއިން އެމްބީބީއެސް: 20 ފުރުސަތު
  • ބެޗްލާސް ޑިގްރީއިން ޑެންޓިސްޓްރީ: 10 ފުރުސަތު

ޑިޕާޓުމަންޓުން ބުނީ މަތީ ތައުލީމުގެ އެ ސްކީމުން ލޯނުގެ އެހީ ދެވޭނީ ތައުލީމީ އާ މަރުހަލާއެއްގެ ކިޔެވުން ފަށަން އެދޭ ދަރިވަރަކަށް ކަމަށެވެ. އަދި ބުނީ އެ ސްކީމުގެ ދަށުން ލޯނުގެ އެހީ ދެވޭނީ މިހާރު ހާސިލުކޮށްފައިވާ ކޯހުގެ ފެންވަރަށް ވުރެ މަތީ ކޯހެއް ކަމުގައިވާ ނަމަ ކަމަށެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ ވޭތުވެ ދިޔަ ތަނުގައި މަތީ ތައުލީމަށް މާލީއެހީއެއް ލިބިފައިނުވާ ދަރިވަރުންނަށް ލޯނު ދިނުމުގައި އިސްކަން ދެވޭނެ ކަމަށެވެ. ލޯނުއެހީގެ ފުރުސަތު ދިނުމުގައި އިސްކަންދެވޭނީ އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކަށް، އެ ލޯން ސްކީމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ތަރުތީބުގެ މަތީން ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ އެޕްލިކޭޝަން ފޯމާއި އުސޫލު އިއްޔެ އިން ފެށިގެން އަންނަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 8:30 އިން މެންދުރު 1:30 އަށް އެ ޑިޕާޓުމަންޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި އެޕްލިކޭޝަން ފޯމް ބަލައިގަތުން އޮންނާނީ އަންނަ މަހުގެ 24އިން 28އަށް ހެނދުނު 9:00 އިން ފެށިގެން މެންދުރު 2:00 އަށް ކަމަށެވެ.