(މެނީލާ، ފިލިޕީންސް): އެމެރިކާގެ މަރުކަޒީ ބޭންކް، ފެޑޭރަލް ރިޒާވްގައި ހުރި ބަންގްލަދޭޝް ސަރުކާރުގެ ބޭންކް އެކައުންޓަކުން 81 މިލިޔަން ޑޮލަރު ނަގައި، އެ ފައިސާ ފިލިޕީންސްގެ ކުންފުންޏެއްގެ އެކައުންޓަކަށް ޗައިނާގެ ދެ މީހަކު ޖަމާކުރިކަން ހާމަވެއްޖެ އެވެ.

ފެޑެރަލް ރިޒާވްގައި ހުރި ބަންގްލަދޭޝް ސަރުކަރުގެ އެކައުންޓުން 81 މިލިޔަން ޑޮލަރު މަދުކަން ހާމަވީ، މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ.

ފިލިޕީންސްގެ ބަޔަކު ހިންގި ތަހުގީގަކުން ދައްކާ ގޮތުން، އެ ފައިސާ ވަގުތުން ވަނީ، ފިލިފީންސްގެ ރިޒަލް ކޮމާޝަލް ބޭންކު ކޯޕަރޭޝަނުގެ އެކައުންޓްތަކަކަށް ޓްރާންސްފާކޮށްފަ އެވެ. އެ ފައިސާ ޖަމާވި ދެ އެކައުންޓު ހުޅުވާފައި ވަނީ ޗައިނާގެ ދެ މީހެއްގެ ނަމުގަ އެވެ. މި އެކައުންޓްތައް ހުޅުވާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައި ކަން ފާހަގަ ކޮށްލެވެ އެވެ.

ވަގަށް ނެގުނު 81 މިލިޔަން ޑޮލަރުގެ ތެރެއިން 63 މިލިޔަން ޑޮލަރު ޖަމާ ކޮށްފައި ވަނީ ފިލިޕީންސްގެ މިޑާސް އެންޑް ސޮލެއާ ކެސީނޯގެ އެކައުންޓަކަށެވެ. އަދި ބާކީ 18 މިލިޔަން ޑޮލަރު ޖަމާ ކޮށްފައި ވަނީ ފިލްރެމް ސާވިސް ކޯޕް ކިޔާ ކުންފުންޏަކަށެވެ.

މިޑާސް އެންޑް ސޮލެއާ ކެސީނޯގެ ވެރިޔާ ކިމް ވޮންގ ބުނީ، އޭނާ މި ކަން ކޮށްފައި ވަނީ ޗައިނާގެ ދެ މީހުން ކަމަށާއި، އޭގެ ތެރެއިން އެކަކީ، މެނީލާގެ އެންމެ ބޮޑު ކެސީނޯގައި ބޮޑު ދަރަންޏެއް އަދާކުރަން ޖެހޭ މީހެއް ކަމަށެވެ.

އަދި، ފައިސާތަކެއް ބޭންކަށް ޖަމާކުރާކަން އެމީހުން ވޮންގްގެ ގާތުގައި ބުނި ކަމަށް ވޮންގ ވަނީ އިއުތިރާފު ވެފަ އެވެ. އެހެން ނަމަވެސް އެއީ ބަންގްލަދޭޝްގެ ފޮރިން ރިޒާވުން ވަގަށް ނަގައިގެން ފޮނުވާފައިވާ ފައިސާކަން ކުރިން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

މި ވައްކަމާއި ގުޅިގެން، ކިމް ވޮންގއާއި ޗައިނާގެ ކެސީނޯ އޮޕަރޭޓަރެއް ކަމުގައިވާ ވެެރިކަންގް ޝޫއާ މިހާރު ދަނީ، ފިލިޕީންސްގައި ހިނގަމުންދާ ތަހުގީގެއްގައި ސުވާލު ކުރެވެމުންނެވެ.

އެހެން ނަމަވެސް ފައިސާ ވަގަށް ނެގުމުގައި ބައިވެރިވި ޗައިނާގެ ދެމީހުން މިހާތަނަށް ހޯދިފައެއް ނުވެ އެވެ.

ބަންގްލަދޭޝްގެ ފޮރިން ރިޒާވުން 81 މިލިޔަން ޑޮލަރު ވަގަށް ނެގި ހާދިސާއާ ވިދިގެން، އެގައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަތީއުއްރަހުމާން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.