ސަލްމާން ހާންގެ އަންހެން ކޮއްކޮ، އަރުޕިތާ ހާން އަށް ފިރިހެން ދަރިއަކު ލިބިއްޖެ އެވެ.

މުމްބާއީގެ ސިޓީ ހޮސްޕިޓަލުގައި އަރުޕިތާ ވިހާފައި ވަނީ މިއަދު ހެނދުނު އެވެ. ހަބަރުތައް ބުނާގޮތުން އަރުޕިތާގެ ދަރިފުޅަށް ކިޔާފައި ވަނީ "އާހިލް" އެވެ.

އަރުޕިތާގެ ފިރިމީހާ އާޔޫޝް ޝަރުމާ ދަރިފުޅު ލިބުނު ހަބަރު އިއުލާނު ކޮށްފައި ވަނީ އިންސްޓަގްރާމްގަ އެވެ. ފޮޓޯ އަކާއެކު އިންސްޓަގްރާމްގައި އާޔޫޝް ބުނެފައި ވަނީ "އިންތިޒާރަށް ނިމުން އަތުވެއްޖެ އަހަރުމެންގެ ކުޑަކުޑަ ރާޖާ، އާހިލް އަތުވެއްޖެ" ކަމަށެވެ.

އާޔޫޝްއާ އަރުޕިތާ ކައިވެނި ކޮށްފައި ވަނީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

އެދެމަފިރިން މައިންބަފައިންނަށް ބަދަލުވުމުގެ އުފަލުގައި ބޮލީވުޑުގައި ހަރަކާތްތެރިވާ ފަންނާނުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.