ހުޅުމާލޭގައި ދިރިއުޅޭ ޒުވާނުން މަސައްކަތަށް އިތުރަށް އަހުލުވެރި ކުރުވުމަށް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ޓްރެއިނިންގް (ޓިވެޓް) އާއެކު ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ހޮޓެލް ޖެން ގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޓިވެޓްގެ ފަރާތުން ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.

އެޗްޑީސީ އިން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގުރާމް ގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ވާހަކަ ދައްކަވަނީ --- ސަން/ފޮޓޯ: ފަޔާޒް މޫސާ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ރައީސްގެ މެނިފެސްޓޯގެ މައިގަނޑު ތިން އަމާޒުގެ ތެރެއިން އެއް އަމާޒަކީ ޒުވާނުން ކަމަށެވެ. އަދި އަމިއްލަ ފައި މައްޗަށް ތެދުވެ ގައުމުގެ ތަރައްގީގެ ކުރީ ސަފުގައި ތިބޭ ބަޔަކަށް ޒުވާނުން ހެދުމަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވިސްނުންފުޅު ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިއަދު އެޗްޑީސީގެ ފަރާތުން އަޅުގަނޑުމެންގެ ސުކޫލްތަކުން ނުކުންނަ ކުދިންނަށް މަސައްކަތުގެ ދާއިރާއިން ދަސްވާރުންގެ ގޮތުގައި ތަމްރީނު ހޯދުމުގެ ފުރުސަތު ލިބިގެން ދާކަމީ މި ސަރުކާރުގެ އެކި މުވައްސަސާތައް އެއް އަމާޒަިކަށް ވާސިލްވުމަށް ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ވަރަށް ފުރިހަމަ މިސާލެއް،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ ދަށުން ފުރަތަމަ ބުރުގައި 20 ކުއްޖަކަށް ފުރުސަތު ދެވިފައިވާ ކަމަށެވެ.

"މިއަދު ފެށިގެން މިދާ ތަމްރީނު ޕްރޮގުރާމް އަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށާއި މާލެ ސަރަހައްދުގައި ދިރިއުޅޭ ޒުވާނުންނަށް ހުޅުވިގެންދާ ވަރަށް އަގު ހުރި ފުރުސަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާރުގެ ސަރުކާރުން މަސައްކަތް ކުރަނީ ކުދިންނަށް މަސައްކަތްތައް ދަސްކޮށްދީ އަމިއްލައަށް އާމްދަނީ ހޯދުމަކީ ފަހުރެއް ކަމަށް ދެކޭ ޖީލެއް ބިނާ ކުރުމަށް ކަމަށެވެ.

އެޗްޑީސީ އިން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގުރާމް ގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ އެމްޑީ ވާހަކަ ދައްކަވަނީ --- ސަން/ފޮޓޯ: ފަޔާޒް މޫސާ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވީ، ރާއްޖޭގެ އާބާދީގެ އެންމެ ބޮޑު ބަޔަކީ ޒުވާނުން ކަމަށާއި ޒުވާނުންނަށް ހާއްސަ ގިނަ ވަސީލަތްތަކެއް ހުޅުމާލޭގައި ގާއިމު ކުރަން ޖެހޭ ކަމަށެވެ.

"ޓިވެޓް ކަހަލަ ޕްރޮގުރާމެއްގެ ތެރެއިން އަޅުގަނޑުމެންނަށް ހުޅުމާލޭގެ ޒުވާނުންނަށް ހުޅުމާލެއަށް ހިޖުރަ ކުރައްވާ ހުޅުމާލެއާ ދޭތެރޭ ޝައުގުވެރިވާ ޒުވާނުންނަށް ވަރަށް ގިނަ ފުރުސަތުތައްކެއް އަޅުގަނޑުމެންނަށް ހުޅުވާލެވިގެން ދާނެ،" އެމްޑީ ސައިމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހުޅުމާލޭގައި ދިރިއުޅޭ ޒުވާނުންނަށް މަގުތައް ފަހިކޮށް ދިނުމަށް އެޗްޑީސީ އިން އިސްވެ އޮވެ މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"މިހާރު ހުޅުމާލޭގައި ހާފްވޭ ހައުސް އެބަ ހުރޭ. ހާފްވޭ ހައުސްގެ މެނޭޖުމެންޓާ ވާހަކަ ދައްކައިގެންވެސް އަޅުގަނޑުމެން އެބަ ބަލަން ވީހާ ވަރަކަށް ޒުވާނުން އެޗްޑީސީ އަށް ކޮންޓްރިބިއުޓް ނޫނިއްޔާ ނޭޝަނަލް ޑިވޮލޮޕްމެންޓް ނުވަތަ ސިޓީ ޑިވެލޮޕްމެންޓަށް ކޮންޓްރިބިއުޓް ކުރެވޭ މިންވަރަށް ކުރެވޭތޯ،" އެމްޑީ ސައިމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެޗްޑީސީގެ ޓީމްތަކާއެކު އެކިއެކި އިމާރާތްތަކާއި ޕާކުތައް ތަރައްގީ ކުރުމުގައި މިހާރުވެސް ޒުވާނުން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ބޮޑަށް މި ފޯކަސް ކުރަނީ ކާޕެންޓްރީ އާއި ވެލްޑިން އާއި މި ކަހަލަ ތަފާތު ދާއިރާތަކުން ޒުވާނުން ބިނާ ކުރުމަށް،" އެމްޑީ ސައިމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ ދަށުން ޒުވާނުން ބިނާ ކުރެވިގެން ދާނީ ހަމައެކަނި އެޗްޑީސީ އަށް އެކަނި ނޫން ކަމަށެވެ. އެ ޕްރޮގުރާމްގެ ސަބަބުން ކަމާ ގުޅުން ހުރި އެހެނިހެން ކުންފުނިތަކަށްވެސް ޒުވާނުން ބިނާ ކުރެވިގެންދާނެ ކަމަށް އެމްޑީ ސައިމަން ވިދާޅުވި އެވެ.