ކޮކާ ކޯލާ ލޯންގް ރަން 2016ގެ ބައިވެރިންނަށް ހާއްސަ އިންޝުއަރެންސް ޕެކޭޖެއް ތައާރަފްކޮށް، އެލައިޑް އިންސުއަރެންސް އިން ޓީއެފްޖީއާ އެ ޕެކޭޖް ހަވާލުކޮށްފި އެވެ.

ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓީއެފްޖީ ލޯންގް ރަންގައި ޕާޓްނަރެއް ކަމަށްވާ އެލައިޑުން ވަނީ މިއަދު ހެނދުނު ޓީއެފްޖީގައި އޮތް ހަފްލާއެއްގައި އިންޝުއަރެންސް ޕެކޭޖް ޓީއެފްޖީއާ ހަވާލުކޮށްފަ އެވެ. ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާންއާ ޕެކޭޖް ހަވާލުކޮށްދެއްވީ އެލައިޑްގެ ޖެނެރެލް މެނޭޖަރު އަހްމަދު ރިޔާޒީ މުހައްމަދެވެ.

މި ފެށޭ މަހުގެެ 15 ވަނަ ދުވަހު ބާއްވާ ދުވުމުގައި އެލައިޑްގެ ޓީމެއް ބައިވެރިވާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ. އެގޮތުން އިންޝުއަރެންސް ޕެކޭޖްގެ ދަށުން ދުވުމުގެ ބައިވެރިންނަށް ދިމާވެދާނެ ސިއްހީ ހާލަތްތައް ބަލާގޮތަށް އެކުންފުނިން ނިންމައިފަ އެވެ.

ހަފްލާގައި ވާހަކަދައްކަވަމުން، އެލައިޑްގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފް ވިދާޅުވީ، ކުޅިވަރުގެ ދާއިރާއަކީ އެ ކުންފުނިން ހޭލުންތެރިކަން އިތުރުކުރަން ބޭނުންވާ ދާއިރާއެއް ކަމަށާއި ދުވުމުގެ ބައިވެރިންގެ އިންޝިއަރެންސް ޕެކޭޖަށް ގާތްގަނޑަކަށް ފަސް ލައްކަ ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި އާންމުންނަށް މަގުފަހިކޮށްދީފައިވާ މި ފުރުސަތުގެ ބޭނުން ހިފުމަށް ނިއުޝާދު އިލްތިމާސް ކުރެއްވި އެވެ.

އެލައިޑްގެ އިންޝުއަރެންސް ޕޮލިސީއާ ހަވާލުވެވަޑައިގަތުމަށް ފަހު ޓީއެފްޖީގެ ސީއީއޯ އަދި މަޝްހޫރު ފިޒިކަލް އިންސްޓްރަކްޓަރު ޒިނާން ވިދާޅުވީ، ދުވުމުގެ ހުރިހާ ކަމެއް މިހާރު މުޅިން ނިމިފައިވާ ކަމަށާއި ހުޅުމާލޭގައި ދުވުން ކުރިއަށްދާ ސަރަހައްދު ވެސް ތައްޔާރުވެފައިވާ ކަމަށެވެ.

ކޮކާ ކޯލާ ލޯންގް ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، މި ދުވުމުގައި ބައިވެރިވެވެނީ 500 ބައިވެރިންނަށެވެ. މިއީ ޓީއެފްޖީން މި ދުވުން ކުރިއަށްގެންދާ ހަތަރު ވަނަ އަހަރެވެ.