ޅ. ކުރެއްދޫ ރިސޯޓާ ދެ މޭލު ބޭރުން މިދިޔަ އަހަރު ޖުލައިމަހުގެ ދެ ވަނަ ދުވަހު ވެއްޓުނު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީ ޕްލޭން ވެއްޓުނު ހާދިސާގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށް އޭވިއޭޝަން އޮތޯރިޓީން ބުނެފިއެވެ.

ސިވިލްއޭވިއޭޝަންގެ ޑައިރެކްޓާ އެޔާވިލިޖިލަންސް އަބްދުﷲ މުހައްމަދު "ސަން"އަށް މިއަދު ވިދާޅުވީ ޓީއެމްއޭގެ ސީޕްލޭން ވެއްޓުނު މައްސަލާގެ ތަހުގީގު އަދިވެސް ކުރިއަށް ދާ ކަމަށެވެ. އެކަމުގައި އިތުރަށް ތަހުގީގު ކުރަންޖެހޭ ކަންތައްތަކެއް ހުރުމާއެކު ކެނެޑާގެ ފަންނީ އެހީތެރިކަން ވެސް ހޯދަމުން އަންނަ ކަމަށް އަބްދިﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލާގެ ތަހުގީގު ނިމޭނެ ވަކި މުއްދަތެއް ދަށްނަވަން އަދި ނޭނގޭ ކަމަށެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހުގެ ހަވީރު 5:30 ކަންހާއިރު ޅ. ކުރެއްދޫއާ ދެ މޭލު ބޭރަށް ވެއްޓުނު އެ ބޯޓުގެ ދެ ކަނދު ފިޔަވައި އެހެން ބައިތައް ވަނީ އަޑިއަށް ގޮސްފަ އެވެ. ކުއްލި ހާލަތުގައި ސީޕްލެއިން ޖެއްސީ ކަނޑެވެ. ފަސިންޖަރުންނާއި ކުރޫއިން ސަލާމަތް ކުރުމަށް އެ ސަރަހައްދަށް ކުރެއްދޫ ރިސޯޓުގެ ލޯންޗު ދިޔަ އިރު، ބޯޓުގެ މައިގަނޑު އޭރު އަޑިއަކަށް ނުދެ އެވެ. ފަސިންޖަރުންނާއި ކުރޫއިން ސަލާމަތް ކުރިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހުރިހާ ލަގެޖުތަކާ އެކު ބޯޓު ވަނީ ކަނޑު އަޑިއަށް ގޮސްފަ އެވެ.

ބޯޓް ވެއްޓުނީ އޭގައި ދަތުރު ކުރަމުން ދިޔަ 11 ފަސިންޖަރުންނާއި ތިން ކުރޫއިންނާ އެކު އެވެ. އެ އެންމެން ވެސް ވަނީ ސަލާމަތް ކޮށްފަ އެވެ. އަދި ވެއްޓުނު ބޯޓުގެ ބައިތައް ވަނީ ކަނޑުން ނަގާފައެވެ.