30 Mar 2016, 11:36
މިދިޔަ މަހު ހދ. ކުޅުދުއްފުށީގައި އަންހެނަކު، ފިރިހެނަކަށް ގުޅައި ގެއަށް ގެނައުމަށް ފަހު އޭނާ އަށް ބިރުދައްކައިގެން ފައިސާތަކެއް ފޭރުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފަ އެވެ.
ފެބުރުއަރީ މަހުގެ ތެރޭގައި ހިނގި އެ ހާދިސާގައި، އަންހެން މީހާ، ފިރިހެން މީހާ ގެއަށް ގެނެސްފައި ވަނީ ޖިންސީ ދައުވަތެއް ދީގެންނެވެ.
ނަމަވެސް ފިރިހެން މީހާ އެގެއަށް ދިއުމުން، އަންހެން މީހާ އާއި އިތުރު ފިރިހެނަކު ވެގެން، އޭނާ ހިފެހެއްޓުމަށް ފަހު އޭނާގެ އަތުން ފޭރިފައި ކަމަށް ސަން އަށް ވަނީ އެނގިފަ އެވެ. އަދި އޭނާގެ އަތުން 9،000 ރުފިޔާ ވަނީ އަތުލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، ގުޅައިގެން މީހަކަށް އޮޅުވާލައިގެން ގެއަކަށް ގެންގޮސް ފައިސާތަކެއް ފޭރުނު މައްސަލައެއް ބަލަމުން އަންނަ ކަމަށާއި، މައްސަލައާ ގުޅިގެން އަންހެނަކާ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރު ކުރި ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އިރު، އަންހެން މީހާ އިނީ ގޭބަންދުގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ ދެމީހުންގެ ތެރެއިން އަންހެން މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ އިރު، ފިރިހެން މީހާގެ ބަންދަށް ވަނީ 10 ދުވަސް ދީފަ އެވެ.
ރާއްޖޭގައި މިފަދަ މައްސަލަތައް ފެންމަތިވާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މާލޭގައި ވެސް އިމާރާތްތަަކަށް މީހުން ވެއްދުމަށްފަހު ފޯނާއި ފައިސާ ފޭރުމުގެ މައްސަލަތައް މިހާރު އަންނަނީ ހިނގަމުންނެވެ.
މި މަހުގެ ކުރީކޮޅު ވެސް މާލޭގައި އޮޅުވާލައިގެން އިމާރަތަކަށް ފިރިހެނަކު ވެއްދުމަށް ފަހު ހަތަރު މީހުންގެ ގްރޫޕަކުން ވަނީ އޭނާގެ އަތުން ފައިސާތަކެއް ފޭރި ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ.