އުމުރުން ހަތް އަހަރުގެ އަންހެން ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި މީހެއްގެ މައްޗަށް ދައުލަތުން ކުރި ދެ ދައުވާ ސާބިތުވެ، އޭނާ 33 އަހަރަށް ޖަލަށްލުމަށް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.

ކުޅުދުއްފުށީ ކޯޓުން މިއަދު އެ ހުކުމް އިއްވާފައި ވަނީ ށ. ގޮއިދޫ، މަލާޒު، އަލީ ޒާހިރުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރި ދެ ދައުވާ އަކީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދައުވާ އާއި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖެއްގެ ހާޒިރުގައި ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އެވެ.

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދައުވާ ސާބިތުވުމުން އޭނާ އަށް އައީ 15 އަހަރުގެ ޖަލު ހުކުމެކެވެ. އަދި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖެއްގެ ހާޒިރުގައި ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވުމުން އައީ 18 އަހަރުގެ ޖަލު ހުކުމެކެވެ.

ކުޅުދުއްފުށީ ކޯޓުގެ ހުކުމްގައި ވަނީ ތަހުގީގު މަރުހަލާގައްޔާއި ޝަރީއަތުގެ މަޖިލީހުގައި އަލީ ޒާހިރު ކުށަށް އިއުތިރާފުވެފައިވާ ކަމަށެވެ.

ހާދިސާ ހިނގި އިރު އަލީ ޒާހިރުގެ އުމުރަކީ 39 އަހަރެވެ.

އެ ހުކުމްގައި ވަނީ މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ތަފާތު އެކި ދުވަސްމަތިން އަލީ ޒާހިރު އޭނާ އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި ހަތް އަހަރުގެ އަންހެން ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގާފައިވާ ކަމަށެވެ.

އެ އަންހެންކުއްޖާ އާ މެދު ޖިންސީ އަމަލު ހިންގުމުގައި އެ ކުއްޖާގެ މައިންބަފައިންނާއި ދިރިއުޅޭ ވެށީގެ މީހުންގެ އިހުމާލު ބޮޑުކަމަށް ވެސް އެ ހުކުމްގައިވެ އެވެ.