30 Mar 2016, 11:20
ސިފައިންގެ ވަޒީފާއިން ޝަރަފުވެރި ކަމާއި އެކީގައި ރިޓަޔާކުރާ ސިފައިން ސިޔާސީ މަގާމެއް ފުރުއްވާނަމަ އެފަރާތެއް ޝަރަފުވެރި ކަމާ އެކު ރިޓަޔާ ކުރުމުން ލިބޭ އިނާޔަތް ނުދޭ ގޮތަށް ސިފައިންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފި އެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފު މުހައްމަދު ސިފައިންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ޝަރަފުވެރިކަމާއި އެކު ސިފައިންގެ ވަޒީފާއިން ވަކިވާ މީހުންނަށް އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒު ދިނުމުގެ އިހްތިޔާރު ޑިފެންސް މިނިސްޓަރަށް ލިބިގެންވާ ކަމަށެވެ.
އިސްލާހުގައި ބުނެފައި ވަނީ ޝަރަފުވެރިކަމާއި އެކު ސިފައިންގެ ވަޒީފާއިން ވަކިވެފައިހުރި މީހުން ރައްޔިތުން އިންތިހާބުކުރާ ސިޔާސީ މަގާމެއް އަދާކުރަން ފެށުމާއި އެކު އެ މުއްދަތުގައި އެ މީހަކަށް އެ ގާނޫނުގެ ދަށުން އެއްވެސް ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒެއް ނުލިބޭނެ ކަމަށެވެ.
ސިފައިންގެ ގާނޫނު އެގޮތަށް އިސްލާހުކުރަން ސަރުކާރުން ހުށަހަޅާފައިވާއިރު ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒާއި އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ރިޝްވާނަކީ ދައުލަތުގެ ވަޒީފާ އަދާ ކުރާ ދެ ބޭފުޅުންނެވެ. އަދި އެ ދެ ބޭފުޅުންނަކީ ފުލުހުންގެ ވަޒީފާއިން ޝަރަފުވެރި ކަމާއި އެކީގައި ރިޓަޔާކޮށްފައިވާ ދެ ބޭފުޅުންނެވެ. އަދި ޕޮލިސް ކޮމިޝަނަރު ކަމުން ވަކިކުރައްވައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލުކުރައްވާފައިވާ ހުސައިން ވަހީދު ރިޓަޔަމަންޓް ފައިސާ ހޯއްދަވަން ހޯމް މިނިސްޓްރީގައި އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ސަރުކާރުގެ ފަރާތުން ސިފައިންގެ ގާނޫނަށް އެފަދަ އިސްލާހެއް ހުށަހަޅާފައިވާއިރު ފުލުހުންގެ ގާނޫނުގެ ވެސް 61 ވަނަ މާއްދާ (ޝަރަފުވެރިކަމާއި އެކު ވަޒީފާއިން ވަކިވުން) އަށް ވެސް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.