އެމްޑީޕީގެ އިންތިހާބުގެ ވޯޓުގެ ގުނައި ނުނިމި، އިންތިހާބުގެ ވަގުތީ ނަތީޖާ ވެސް ނުނެރެވެނީސް ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވާ އިބްރާހިމް ހުސެއިން ޒަކީ ދިރިއުޅުއްވާ ހ. ހުޅުގެލި އަށް މިރޭ ދަންވަރު ރައީސް މުހައްމަދު ނަޝީދު ވަޑައިގެންފި އެވެ.

ރައީސް ނަޝީދު އެ ގޭގައި ހުންނެވި ކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދަށް މިރޭ ދަންވަރު 2:00 ޖަހަން އުޅެނިކޮށް ސަންގެ ނޫސްވެރިން ދިޔަ އިރު، ޒަކީ ދިރިއުޅުއްވާ ބިލްޑިންގެ އުތުރުފަރާތުން ހުރި ގެއެއްގެ ގަރާޖު ދޮރުކުރިމަތީ ރައީސްގެ ސިކިއުރިޓީ ވެހިކަލް ޕާކްކޮށްފައި އޮތެވެ.

އަދި ގާތްގަނޑަކަށް 10 ވަރަކަށް މިނެޓު ފަހުން ރައީސް ނަޝީދު އެގެއިން ނުކުންނެވީ އެމްޑީޕީގެ ޗެއާޕާސަން މާރިއާ އަހްމަދު ދީދީ އާއި އިތުރު ބަޔަކާ އެކު އެވެ. އެ ސަރަހައްދުން މައުލޫމާތު ދިން ފަރާތަކުން ބުނީ، ޒަކީ އާއި ރައީސް ނަޝީދު ބައްދަލުކުރެއްވީ ހުޅުގެލީގެ ޓެރެސް މަތީގައި ކަމަށާއި އެމަނިކުފާނު އެ ގޭގައި ގަޑިއިރެއްހާއިރު ވަންދެން މަޑުކުރެއްވި ކަމަށެވެ.

ރައީސް ނަޝީދު ނުކުންނެވި ވަގުތު، ޒަކީގެ ގެއަށް މިވަގުތު ވަޑައިގަތީ ކީއްކުރައްވަންތޯ ސަން އިން ސުވާލުދެންނެވުމުން ރައީސް ނަޝީދު ވިދާޅުވީ، "ދެން މިވަގުތު ނޫން ދެއްތޯ،" އެވެ.

އަދި ސުވާލު ތަކުރާރުކުރުމުން ވެސް ވަނީ އިތުރު އެއްވެސް ޖަވާބެއް ނުދެއްވައި ހިންގަވައިފައި އެތަނުން ވަޑައިގެންފަ އެވެ. އެގޭ ކައިރިން ޒަކީއެއް ނުފެނެ އެވެ.

ކަރަންކާ މަގުން އިރަށް ގޮސް، އެމަނިކުފާނާއި އިތުރު ބޭފުޅުންގެ މިސްރާބު ޖެއްސެވީ މަޖިލިސް ފުރަގަހުން މުލިއާގެ އަށް ވަޑައިގަތުމަށެވެ. އެކުގައި ދެ ބޮޑީގާޑުން ވެސް ތިއްބެވެ.

ރައީސް ނަޝީދު ކުއްލި ގޮތަކަށް ދަން ވަގުތެއްގައި ޒަކީގެ ގެއަށް ވަޑައިގެންފައި މިވަނީ، މިއަދު ހެނދުނު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރައީސްގެ މަގާމަށް ވާދަކުރައްވާ ޒަކީ އާއި ކުރީގެ ފިޝަރީސް މިނިސްޓަރު ޑރ. އިބްރާހިމް ދީދީގެ އިންތިހާބީ ރޭސް ވަރަށް ވާދަވެރިކޮށް އުޅުއްވަނިކޮށެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި ވޯޓުގެ ތަފާތު ވަރަށް ކުޑަ އެވެ.

މިރޭ 10:30 ގައި އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކުރަން ހަމަޖެހިފައިވަނިކޮށް، ފަހު ވަގުތު އެކަން ކެންސަލްކުރީ ރަށްރަށުން ނަތީޖާ ނުލިބޭ ކަމަށް ބުނެ އެވެ. ވޯޓު އިއުލާންކުރަން އޮތް ރަސްމިއްޔާތުގައި މާރިޔާ އާއި ރައީސް ނަޝީދު ވެސް ވާހަކަދެއްކެވުމަށް އޮތީ ހަމަޖެހިފަ އެވެ.