ދިމޝްގު (މާޗް 30) : ސޫރިޔާ އިދިކޮޅު ފަރާތްތަކާ އަދި އެ ގައުމުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތައް މައްޗަށް ސިފައިން ހޯދަމުން ގެންދާ ކާމިބީތަކުގެ ސަބަބުން ސޫރިޔާގެ ސުލްޙައިގެ ވާހަކަތަކަށް އަވަސް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ރައީސް ބައްޝާރުލްއަސަދު ވިދާޅުވެއްޖެ އެވެ.

ރަޝިޔާގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ބައްޝާރު ވިދާޅުވީ އިދިކޮޅު ފަރާތްތަކާ އަދި ޓެރަރިސްޓް ޖަމާއަތްތަކުގެ މައްޗަށް ސޫރިޔާ ސިފައިން ހޯދަމުން ގެންދާ ކާމިޔާބީއާ އަދި ރަޝިޔާގެ އަސްކަރީ އެހީއާ ގުޅިގެން ސުލްހައިގެ ވާހަކަތަކުގައި އޭނާގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ބަދަލު ނާންނާނެ ކަމުގަ އެވެ. ނަމަވެސް އޭނާގެ ސަރުކާރު ބާރުގަދަ ހާލަތެއްގައި އޮތުމުންނާއި އިދިކޮޅު ފަރާތްތައް ބަލިކަށިވެފައިވުމުގެ ސަބަބުން ސުލްޙައިގެ ވާހަކަތަކަށް އަވަސް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ބައްޝާރު ވިދާޅުވިއެވެ. ސޫރިޔާ ސިފައިންގެ ކާމިޔާބީތަކުގެ ސަބަބުން އިދިކޮޅު ފަރާތްތައް ތިބީ ނާޒުކު ހާލަތެއްގައި ކަމަށް މުހައްލިލުން ވެސް ސިފަކުރައްވާފައިވެ އެވެ.

ޖެނީވާގައި ފަށާފައިވާ ސޫރިޔާގެ ސުލްހައިގެ ވާހަކަތަކުގައި ބައްޝާރުގެ ސަރުކާރުން ގެންގުޅޭ ޕްރިންސިޕަލްތަކަކީ އެގައުމުގެ ވެރިކަމަށް ސިޔާސީ އިސްލާހްތައް ގެނައުމާއި ޔުނިޓަރީ ދައުލަތެއްގެ ގޮތުގައި ސޫރިޔާ ބޭއްވުމާއި ބައްޝާރުގެ ވެރިކަން ދެމެހެއްޓުމެގެ އިތުރުން ހަނގުރާމަވެރި ޖަމާއަތްތަކުން ހަތިޔާރު ނިގުޅައިގަތުމެވެ. ސޫރިޔާގެ ވެރިކަން ބަދަލުވިޔަސް އެކަން ވާންޖެހޭނީ ރިޔާސީ އިންތިޚާބެއްގެ ތެރެއިން ކަމަށްވެސް ބައްޝާރުގެ ސަރުކާރުން ދެކެއެވެ.

އިދިކޮޅު ފަރާތްތަކުގެ މައިގަނޑު ސްޓްރެޓެޖީއަކީ އިންތިޚާބަކާ ނުލައި ބައްޝާރުގެ ވެރިކަން ބަދަލުކޮށްލުމެވެ. މިކަމަށްޓަކައި 18 މަސްދުވަހުގެ އިންތިގާލީ މަރްޙަލާއެއް ގެނައުމަށް އިދިކޮޅު ފަރާތްތަކުން ގެންދަނީ ބާރުއަޅަމުންނެވެ. ނަމަވެސް ސޫރިޔާގެ މައްސަލާގައި ރަޝިޔާ އާއި އެމެރިކާއާއި އާއި ޔޫރަޕް އެއްގަލަކަށް އަރަމުންދާތީ ސޫރިޔާގެ އިދިކޮޅު ފަރާތްތަށް ބޭނުންވާ ހުރިހާ މަގްސަދްތަކެއް ހާސިލްކުރުމަށް އެމެރިކާއާއި ޔޫރަޕްގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން މިހާރުވަނީ ކުޑަވެފައެވެ.

ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ ފަހަތުގައިތިބި ބައްޝާރުގެ ވެރިކަން ވައްޓާލަން ބޭނުންވާ ސައޫދީ އަރަބިޔާއާއި ތުރުކީއާއި ގަތަރުފަދަ ގައުމުތަކުގެ އެހީތެރިކަން އެކަނި ލިބިގެން ސޫރިޔާ ސަރުކާރު ބަދަލުކުރުމުގެ މަގްސަދު އިދިކޮޅު ފަރާތްތަކަށް ޙާސިލް ނުކުރެވޭނެކަމަށް މުރާސިލުން ބުނެއެވެ. ސައޫދީ އަރަބިޔާއާއި ތުރުކީއާއި ގަތަރަކީ އީރާނާއި ރަޝިޔާއިން ބައްޝާރުގެ ސަރުކާރަށް ދެމުން ގެންދާފަދަ އަސްކަރީ އެހީތައް ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް ދެވޭ ފަދަ ޙާލަތެއްގައި ތިބި ގައުމުތަކެއް ނޫނެވެ.

ތުރުކީވަނީ ސޫރިޔާގެ ރެފިއުޖީންގެ މައްސަލައާއި ކުރުދީ ހަނގުރާމަވެރިން އެގައުމުގައި ހިންގަމުން ގެންދާ ބޮންގޮއްވުމުގެ ހަމަލާތަކުގެ ސަބަބުން ވަރަށް ނާޒުކު ހާލަތަކަށް ވެއްޓިފައެވެ. ތުރުކީގައި ކުރުދީން ހިންގަމުން ގެންދާ ބޮންގޮއްވުމުގެ ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން ތުރުކީގެ ޓޫރިޒަމްވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ޓޫރިޒަމަކީ ތުރުކީގެ އިގްތިސާދުގެ މުހިއްމު ބައެކެވެ. އަދި ރަޝިޔާއިން ތުރުކީގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ބޮއިކަޓް ކުރުމާ ގުޅިގެންވެސް ތުރުކީގެ އިގްތިސާދަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.

ސޫރިޔާ ސިފައިން ދާދިފަހުންވަނީ ރަޝިޔާގެ ވައިގެ އެހީތެރިކަމާއެކު، އިދިކޮޅު ޖަމާއަތްތަކުގެ އަތްދަށުގައި ވާ ގިނަ ސަރަހައްދުތަކެއް އަނބުރައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ. އަދި ސޫރިޔާ ސިފައިންވަނީ އެގައުމުގެ ތާރީޚީ ރަެއްކަމަށްވާ ތަދްމުރު ނުވަތަ ޕަލްމެއިރާ އިން އައިއެސް ޖަމާއަތްވެސް ބޭރުކޮށްލައި އެރަށްވެސް މިނިވަން ކޮށްފައެވެ. (ނޫސްއެޖެންސީތައް)