ވޮޝިންޓަން (މާޗް 30): ބްރެއިޓްބާޓް ނިއުސް ނެޓްވޯކްގެ ކުރީގެ ނޫސްވެރިޔާ، މިޝޭލް ފީލްޑްސް އަށް އަނިޔާ ކުރުމުގެ ދައުވާގައި ޑޮނަލްޑް ޓްރަމްޕްގެ ކެމްޕެއިން މެނޭޖަރު، ކޯރީ ލެވަންޑޮސްކީ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި ލެވަންޑޮސްކީގެ މައްޗަށް ދައުވާކޮށްފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު ފްލޮރިޑާގައި އޮތް ޓްރަމްޕްގެ ކެމްޕެއިން އިވެންޓެއްގައި ޓްރަމްޕާ ސުވާލު ކުރަން ފީލްޑްސް މަސައްކަތް ކުރުމުން، ފީލްޑްސްގެ އަތުގައި ބާރަށް ހިފައި އަނިޔާކުރުމުގެ ސަބަބުންނެވެ.

އެމަންޒަރު ފެންނަ ސީސީޓީވީ ވީޑިއޯއެއް ފްލޮރިޑާގެ ފުލުހުން ވަނީ އާއްމުކޮށްފަ އެވެ. އަދި ފީލްޑްސް ވަނީ އޭނާގެ އަތުގައި ބާރަށް ހިފުހުމުގެ ސަބަބުން އަތުގައި ހުރި ނިޝާންތަކުގެ ފޮޓޯއެއް ވެސް އާއްމުކޮށްފަ އެވެ.

ނަމަވެސް، ލެވަންޑޮސްކީ ވަނީ އެއީ ތެދު ދައުވާއެއް ނޫން ކަމަށް ބުނެފަ އެވެ. އަދި ފީލްޑްސް އަކީ އެހެން މީހުންގެ "ސަމާލުކަން ހޯދަން މަސައްކަތްކުރާ" މީހެއް ކަމަށް ބުނެފަ އެވެ.

އެމެރިކާގެ ރިޔާސީ ރޭހުގެ ޕްރައިމަރީގައި ވާދަ ކުރައްވަމުން ގެންދަވާ ޓްރަމްޕް ވަނީ އޭނާގެ ކެމްޕެއިން މެނޭޖަރުގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ. އަދި އޭނާގެ އެއްވެސް ކުށެއް ނުވާ ކަމަށް ބުނެފަ އެވެ. (ރޮއިޓާސް)