30 Mar 2016, 10:49
ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލް ކަމުގައިވާ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހަތަރު މަގާމަކަށް މުވައްޒަފުން ހޯދަން އިއުލާން ކޮށްފި އެވެ.
ޓްރީ ޓޮޕް މޯލްޑިވްސްގެ ވެބްސައިޓުގައި އިއުލާނު ކޮށްފައިވަނީ އެ ހޮސްޕިޓަލްގެ ރޭޑިއޯގްރާފަރ، ސީނިއާ ފާމަސީ ޓެކްނީޝަން، ނާސް މެނޭޖަރު އަދި ނާސް އިންޓާންގެ މަގަމަށެވެ. މިއިން ކޮންމެ މަގާމަކަށް ވެސް ހުޅުވާލާފައި ވަނީ އެންމެ ފުރުސަތެކެވެ.
ޓްރީ ޓޮޕް މޯލްޑިވްސް އިން ކުރި އިއުލާނުގައިވާ ގޮތުން، ރޭޑިއޯގްރާފަރުގެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތަކީ ރޭޑިއޯގްރަފީއާއި މެޑިކަލް އިމޭޖިންގެ ދާއިރާއިން ޑިޕްލޮމާ، އަދި ރޭޑިއޯތެރަޕީއާއި ޑައިގްނޯސްޓިކް އިމޭޖިންގެ ދާއިރާއިން ޑިގްރީއެއް ހާސިލުކޮށްފައިވުމެވެ.
ނާސް މެނޭޖަރުގެ ވަޒީފާއަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ނަރުސް ކަމުގެ ޑިޕްލޮމާ ނުވަތަ ޑިގްރީއެއް އޮތުން ހިމެނެއެވެ. އަދި މެނޭޖްމެންޓުގެ ދާއިރާގެ ސެޓްފިކެޓެއް އޮތުމަކީ އެ ވަޒީފާ ލިބުމުގެ ފުރުސަތު ބޮޑުވާނެ ކަމެއް ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.
ނާސް މެނޭޖަރުގެ ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ނަރުސް ޑިޕާޓުމެންޓުގެ މަސައްކަތްތައް ރަނގަޅު ފެންވަރުގައި ހިފެހެއްޓުމާއި، ޑިޕާޓުމެންޓުގެ ބަޖެޓު ހަމަޖައްސައި ބެލެހެއްޓުމުގެ އިތުރުން މުވައްޒަފުން ތަމްރީނުކުރުމާއި، ޑިޕާޓްމަންޓުގެ ޚާއްސަ ގަވާއިދުތަކާއި އުސޫލުތައް ހަދައި ތަންފީޒުކުރުން ހިމެނެ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ހުޅުވާލާފައިވާ ސީނިއާ ފާމަސީ ޓެކްނީޝަންގެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތަކީ ފާމަސީ ނުވަތަ ފާމަސީ އެސިސްޓަންޓުކަމުގެ ދާއިރާއިން ޑިޕްލޮމާއެއް ހާސިލުކޮށްފައި ވުމެވެ.
އެ ތިން މަގާމަށް ވެސް ކުރިމަތިލާ މީހުންގެ ކިބައިގައި މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ.
މީގެ އިތުރުން އިންޓާން ނަރުހެއްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އެ މަގާމުގެ ޝަރުތަކީ ނަރުސްކަމުގެ ދާއިރާއިން ޑިޕްލޮމާއެއް ހާސިލުކޮށްފައި ވުމެވެ.
އެ މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މީހެއްނަމަ، އެމީހެއްގެ ސީވީ، ޓްރީޓޮޕް މޯލްޑިވްސްގެ ވެބްސައިޓުގައި، ވަޒީފާއަށް ހުޅުވާލައި އިއުލާނު ކޮށްފައިވާވެބް ޕޭޖަށް އަޕްލޯޑު ކުރުމަށް ޓްރީޓޮޕް މޯލްޑިވްސް އިން ވަނީ އެދިފައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ބިންގާ އަޅާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ހަވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ޗަމްޕާ ބްރަދާސްގެ ހިއްސާދާރެއް ކަމުގައިވާ މުހައްމަދު މޫސާ އެވެ.
ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ތުރުކީގެ އަލައިކް ޓާމަކްސްއާ އެވެ. އަދި ހޮސްޕިޓަލު މެނޭޖްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ރަމްސޭ ސިމް ޑާބީއާ ނަމަށް ކިޔާ ކުންފުންޏަކާއެވެ.
އެ ހޮސްޕިޓަލު އިމާރާތްކޮށް މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ނިންމުމަށް ވަނީ އެގްރީމެންޓުކޮށްފައެވެ. އަދި އެ ހޮސްޕިޓަލު ހުޅުވުމަށް ކަނޑައަޅާފައިވާ ތާރީޚަކީ އަންނަ އަހަރުގެ މާޗް މަހުގެ އެއްވަނަ ދުވަހެވެ.