30 Mar 2016, 10:50
ސިއްހީ ދާއިރާ އިން ދިވެހިން ތަމްރީނު ކުރުމަށް އެހީތެރިވުމުގެ ގޮތުން ކޮންމެ އަހަރަކު މެޑިކަލް ޑޮކްޓަރުން އަދި ނާސިންގެ ދާއިރާ އިން ސްޕެޝަލައިޒް ވުމުގެ ފުރުސަތު ހަމަޖައްސައިދިނުމަށް ބަންގުލާދޭޝް ސަރުކާރުން އެއްބަސްވެއްޖެ އެވެ.
ދިވެހިންނަށް ސިއްހީ ދާއިރާ އިން ކިޔެވުމުގެ ފުރުސަތު ހަމަޖައްސައިދިނުމަށް އެއްބަސްވެފައި ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫގެ ދަށުން އެކުލަވާލާފައިވާ ޖޮއިންޓް ވޯކިން ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގަ އެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވެފައި ވަނީ 9 ސެޕްޓެމްބަރު 2014ގަ އެވެ. އެ އެއްބަސްވުމުގެ ދަށުން އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޓީގެ މަސްއޫލިއްޔަތަކީ އެމްއޯޔޫގައިވާ ގޮތަށް ކަންކަން ކުރިއަށްދާތޯ ބެލުމެވެ.
ޖޮއިންޓް ވޯކިން ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި މިނިސްޓަރު އިރުތިޝާމް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ
ހެލްތު މިނިސްޓްރީގައި މިއަދު ކުރިއަށް ދިޔަ އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ކޮންމެ އަހަރަކު ވެސް މެޑިކަލް ޑޮކްޓަރުކަން ކިޔެވުމަށް ފަސް ފުރުސަތާއި ނާސިންގްގެ ދާއިރާއިން ފަސް ފުރުސަތު ހޯދައި ދިނުމަށް ވަނީ އެއްބަސްވެފަ އެވެ.
އޭގެ އިތުރުން ދިވެހި ޑޮކްޓަރުންނަށް އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު ކޮންމެ އަހަރަކު ހޯދައިދިނުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ވަނީ ރާއްޖެ އިން ކުރެވެން ނެތް ބޭހާބެހޭ ޓެސްޓްތައް ބަންގްލަދޭޝް އިން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭ ގޮތުންނާއި އެފަދަ ކަންކަމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފަ އެވެ.
ޖޮއިންޓް ވޯކިން ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ
މިއަދުގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމްގެ އިތުރުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި އިސް އޮފިޝަލުންގެ އިތުރުން ފޮރިން މިނިސްޓްރީގެ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގަތެވެ. ބަންގްލަދޭޝްގެ ފަރާތުން ބައިވެރިވީ އެގައުމުގެ ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންނާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.
ބަންގްލަދޭޝް އަކީ ސިއްހީ ދާއިރާ އިން ރާއްޖެ އަށް އެންމެ ގިނަ ފުރުސަތުތައް ފަހިކޮށްދޭ ގައުމެވެ. އެގޮތުން 2011 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޑޮކްޓަރުން އިންޓާންޝިޕް ފުރިހަމަކުރުމަށް ވެސް 110 ފުރުސަތު އެގައުމުން ދީފައިވާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެ އެވެ.