30 Mar 2016, 10:05
އިންޓަނެޓުގެ ސަބަބުން ގާތްގަނޑަކަށް ހުރިހާ ކަމެއްވެސް މިޒަމާނުގައި ހުންނަނީ ކަނެކްޓް ވެފަ އެވެ. ތިބާގެ ހުރިހާ މައުލޫމާތެއް އެންމެންނަށް މިހާރު އެނގޭނެ އެވެ. ޚާއްސަކޮށް ފޭސްބުކްގައި އުޅޭ އިރު އެވެ.
ފޭސްބުކްގެ ޒަރިއްޔާ އިން ތިބާގެ ގިނަ އަދަދެއްގެ މައުލޫމާތު ތިބާއަށް ނޭނގި ވިޔަސް ފެތުރުން ހުއްޓުވުމަށް ބައެއް ކަންކަން ކުރެވިދާނެ އެވެ.
ފޭސްބުކްގައި ތިބާ "ލައިކް" ޖަހާ އެއްޗެއް އިޝްތިހާރުވުން
ފޭސްބުކްގައި ތިބާގެ ރަހުމަތްތެރިއަކު "ލައިކް" ޖަހައިގެން، ބައެއް އެއްޗެހި ތިބާގެ ނިއުސް ފީޑަށް އަރާ ފަހަރު އާދެ އެވެ. މިވެނި މީހަކު "ލައިކްޑް ދިސް" ކަމަށް އަރައި، އެތަކެތި ތިބާއަށް ފެނެ އެވެ. އެހެން ނަމަވެސް، އެގޮތަށް ފެންނަހާ އެއްޗަކަށް ތިބާ ލައިކް ޖަހާކަށް ނުޖެހެ އެވެ. ސަބަބަކީ، ތިބާ އެ އެއްޗަކަށް ލައިކް ދިނުމުން އެހެން މީހުންނަށް އެ އިޝްތިހާރުވެ އެވެ. ތިބާއަށް ކަމުދާ އެއްޗެއްސާއި ކަމުނުދާ އެއްޗެއްސަކީ ތިބާގެ ޒާތީ މައުލޫމާތަށް ވެދާނެ އެވެ.
މިކަން ހައްލު ކުރުމަށް ކުރެވޭނެ ކަމަކީ، ފޭސްބުކްގެ ސެޓިންގްސް ޕޭޖަށް ގޮސް، "އެޑްސް ވިތު ސޯޝާލް އެކްޝަންސް" ސެކްޝަން ސެލެކްޓް ކުރުމަށް ފަހު ދެން ފެންނަ ޑްރޮޕް ޑައުން ލިސްޓުން "ނޯ ވަން" ސިލެކްޓް ކުރުމެވެ.
ފޭސްބުކްގައި ނޫޅޭ އިރުވެސް، ފޭސްބުކްއިން ތިބާ ކުރާ ކަންކަން ބަލާކަން އެނގޭތަ؟
ފޭސްބުކްއިން އޮފްވެ، އިންޓަނެޓުގައި ތިބާ ކުރާ އެހެން ކަންކަން ފޭސްބުކްއިން ވަރަށް ގާތުން ބަލަ އެވެ. ބައެއް ފަހަރު ފޭސްބުކްއިން ތިބާގެ ނިއުސްފީޑަށް އަރުވާ އިޝްތިހާރުތަކަކީ، ތިބާ އެންމެ ގިނައިން ވިޒިޓު ކުރާ ވެބްސައިޓުތަކުގެ އިޝްތިހާރެވެ. މިކަން، އެޑްސް ސެޓިންގްސްއަށް ގޮސް، "އެޑްސް ބޭސްޑް އޮން މައި ޔޫޒް އޮފް ވެބްސައިޓްސް އެންޑް އެޕްސް" އޮޕްޝަނުން ހައްލު ކޮށްލެވޭނެ އެވެ.
ތާރޑް ޕާޓީ އެޕްސް ޑިސްކަނެކްޓް ކުރުން
އިންޓަނެޓު މެދުވެރިކޮށް ބޭނުންކުރާ އެހެން އެޕްތައް ފޭސްބުކްއާ ކަނެކްޓް ކުރެވެ އެވެ. އަދި އެތަކެތި، ތިބާގެ ފަރާތުން ފޭސްބުކްއަށް އަޕްޑޭޓު ވެސް ޕޯސްޓު ކުރެ އެވެ. އެހެންކަމުން، އެ އެޕްތަކުން ތިބާއާ ބެހޭ މައުލޫމާތު ފޭސްބުކްއިން ވެސް ހޯދާނެ އެވެ. އަދި ތިބާ އެ އެޕްތަކަށް ދޭ ތިބާގެ ޒާތީ މައުލޫމާތު އެ އެޕްތަކުން ފޭސްބުކް އަށް ވެސް ދޭނެ އެވެ.
ތާރޑް ޕާޓީ އެޕްސް ޑިސްކަނެކްޓް ކުރުމަށް އެޕް ސެޓިންގްސްއަށް ގޮސް، ޑިސްކަނެކްޓް ކުރުމަށް އެދޭ އެޕްއާ ދިމާލުގައި އިންނަ އައިކަންއަށް ފިއްތާލުމުން އެކަން ވާނެ އެވެ. ނުވަތަ ބައެއް އެޕްތަކަށް ދޭ ހުއްދަތަކަށް ޚާއްސަ ސެޓިންގްތަކެއް ވެސް ހަމަޖެއްސިދާނެ އެވެ.
ތިބާގެ ފޭސްބުކް، ސާޗް އިންޖީންތަކުން ނުފެންނަ ގޮތް ހެދުން
ތިބާގެ ފޭސްބުކް ނަން ސާޗް އިންޖީނެއްގައި ޖަހައިފި ނަމަ، އެންމެ ފުރަތަމަ ހޯދިގެން އަންނަ ރިޒަލްޓްތަކަކީ ތިބާގެ ފޭސްބުކް ޓައިމްލައިން ކަމުގައި ވެދާނެ އެވެ. މިކަން ވުން ހުއްޓުުމަކަށް ގެނައުމަށް ޓަކައި، ފޭސްބުކްގެ ޕްރައިވަސީ ސެޓިންގްސް އަށް ގޮސް، މިކަން ނުވާނެ ގޮތް ހެދުމަށް ހުށަހަޅާފައި އޮންނަ އޮޕްޝަނު ސިލެކްޓް ކުރާށެވެ.