30 Mar 2016, 12:14
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ޖަރުމަން ފަސޭހަކަމާ އެކު އިޓަލީ އަތުން މޮޅުވެއްޖެ އެވެ.
ޖަރުމަންގެ ބަޔާން މިއުނިކްގެ ދަނޑު، އާލިއާންޒް އެރީނާގައި ރޭ ކުޅުނު މެޗުގައި އިޓަލީގެ މައްޗަށް ޖަރުމަން ކުރި ހޯދީ 4-1 ލަނޑުންނެވެ.

އިޓަލީ ކޮޅަށް ލަނޑުޖެހުމަށް ފަހު ޖަރުމަންގެ މާރިއޯ ގޮޓްޒޭ އުފާފާޅުކުރަނީ: މިމެޗުން ޖަރުމަން މޮޅުވީ 4-1 ލަނޑުން -- ފޮޓޯ: އޭޕީ
ޖަރުމަންގެ ފަރާތުން މި މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، މެޗުގެ ފުރަތަމަ ހަތަރު ލަނޑު ވެސް ކާމިޔާބުކޮށްފައި ވަނީ ޖަރުމަނުންނެވެ. މި މެޗުގެ 24 ވަނަ މިނެޓްގައި ޖަރުމަންގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޓޯނީ ކްރޫޒް އެވެ. އިޓަލީގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެ، ޓޯނީ ކްރޫޒް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ތިރީ ކަނަށެވެ.
މި މެޗުގެ ފުރަތަމަ ހާފްގެ އެންމެ ފަހު މިނެޓްގައި ޖަރުމަނުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ލީޑު ފުޅާކޮށްފަ އެވެ. ތޯމަސް މުލާ ދިން ބޯޅައަކުން ޖަރުމަނަށް މިލަނޑު ކާމިޔާބުކޮށްދިނީ މާރިއޯ ގޮޓްޒޭ އެވެ. މި މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނީ 2-0 ލަނޑުން ޖަރުމަން ކުރީގައި އޮވެގެންނެވެ.
މެޗުގެ 59 ވަނަ މިނެޓްގައި ޖަރުމަން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފަ އެވެ. ޖޫލިއަން ޑްރެކްސްލާ ދިން ބޯޅައަކުން ޖަރުމަނަށް މިލަނޑު ކާމިޔާބުކޮށްދިނީ ޖޮނަސް ހެކްޓާ އެވެ.

އެކުވެރިކަމުގެ މެޗެއްގައި ޖަރުމަނާއި އިޓަލީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޖަރުމަން މޮޅުވީ 4-1 ލަނޑުން -- ފޮޓޯ: އޭޕީ
ޖަރުމަންގެ ހަތަރު ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 75 ވަނަ މިނެޓްގަ އެވެ. ޖަރުމަނަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް މިލަނޑު ކާމިޔާބުކޮށްދިނީ އާސެނަލް ތަރި މެސުޓް އޮޒިލް އެވެ.
މި މެޗުގައި އިޓަލީއިން ޖެހި ހަމައެކަނި ލަނޑު ފެނިގެންދިޔައީ 83 ވަނަ މިނެޓްގަ އެވެ. ސްޓެފާނޯ އޮކާކޯ ދިން ބޯޅައަކުން އިޓަލީއަށް މިލަނޑު ކާމިޔާބުކޮށްދިނީ ސްޓެފަން އަލް ޝަރާވީ އެވެ.
އެކުވެރިކަމުގެ މެޗެއްގައި ނެދަލެންޑްސް އަތުން އިންގްލެންޑް ވަނީ 2-1 ލަނޑުން ބަލިވެފަ އެވެ. މެޗުގައި ޖެމީ ވާޑީ އިނގިރޭސިންނަށް ލީޑު ނަގައިދިން ނަމަވެސް، ވިންސެންޓް ޖެންސެން އާއި ލޫސިއާނޯ ނަރްސިންގް ޖެހި ލަނޑާއެކު ނެދަލެންޑްސް ވަނީ މޮޅުވެފަ އެވެ.

އެކުވެރިކަމުގެ މެޗެއްގައި ނެދަލެންޑްސްއާއި އިންގްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން : މިމެޗުން ނެދަލެންޑްސް މޮޅުވީ 2-1 ލަނޑުން -- ފޮޓޯ: އޭޕީ
ރޭ ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުން 2-1 ލަނޑުން ޕޯޗުގަލް ވަނީ މޮޅުވެފަ އެވެ. އަމިއްލަ ގައުމުގައި ކުޅުނު މިމެޗުގައި ޕޯޗުގަލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ނާނި އާއި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ބެލްޖިއަމްގެ ލަނޑު ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ.
ރަޝިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފްރާންސް ވަނީ 4-2 ލަނޑުން މޮޅުވެފަ އެވެ. ފްރާންސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އެންގޯލޯ ކަންޓޭއާއި، އަންދްރޭ ޕިއެރޭ ގިގްނަކްއާއި، ޑިމިޓްރީ ޕަޔެޓް އަދި ކިންގްސްލޭ ކޮމަން އެވެ. ރަޝިއާގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ އެލެކްސެންޑާ ކޮކޮރިން އާއި ޔޫރީ ޒިވްކޯވް އެވެ.