ވޯލްޑް ކަޕް ކޮލިފައިންގައި ޕެރަގުއޭ އަތުން ބަލިވާން ދަނިކޮށް، ފަހު ވަގުތު ޑަނީ އަލްވޭސް ޖަހައިދިން ލަނޑުން ބްރެޒިލް ސަލާމަތްވެއްޖެ އެވެ.

ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގައި ރޭ ބްރެޒިލްއާއި ޕެރަގުއޭ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

މި މެޗުގެ 16 ވަނަ މިނެޓްގައި ޕެރަގުއޭއިން ރަނގަޅު ހަމަލާއެއް ބްރެޒިލްގެ ގޯލަށް އަމާޒުކޮށްލި އެވެ. ނަމަވެސް ޕެރަގުއޭއަށް ލިބުނު ހިލޭ ޖެހުމަކުން އެޑްގާ ބެނިޓޭޒް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

ޕެރަގުއޭގެ ދެވަނަ ލަނޑު އެޓީމުގެ ބެނިޓޭޒް (މ)، ބްރެޒިލްގެ ގޯލަށް ފޮނުވާލަނީ: ޕެރަގުއޭ އާއި ބްރެޒިލް ބައްދަލުކުރި ވޯލްޑް ކަޕް ކޮލިފައިން މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެން -- ފޮޓޯ: އޭޕީ

މެޗުގެ ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް، ޕެރަގުއޭ އިން ވަނީ ލީޑު ނަގައިފަ އެވެ. ބެނިޓޭޒް ދިން ބޯޅައަކުން ޕެރަގުއޭއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޑާރިއޯ ލެޒްކާނޯ އެވެ. މި މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0 ލަނޑުން ޕެރަގުއޭ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފް ފެށިތާ ހަތަރު މިނެޓް ތެރޭގައި ޕެރަގުއޭއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ލީޑު ފުޅާކޮށްފަ އެވެ. ރިޗާޑް އޯޓިޒް ދިން ބޯޅައަކުން ޕެރަގުއޭ އަށް މި ލަނޑު ކާމިޔާބުކޮށްދިނީ ރިޗާޑް އޯޓިޒް އެވެ.

މި މެޗުގެ 79 ވަނަ މިނެޓްގައި ބްރެޒިލް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް، ޕެރަގުއޭ އިން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްފަ އެވެ. މި ލަނޑު ބްރެޒިލް އަށް ކާމިޔާބުކޮށްދިނީ ރިކާޑޯ އޮލިވޭރާ އެވެ.

ބްރެޒިލްއަށް ނަތީޖާ ހަމަހަމަކޮށްލެވުނީ މެޗުގެ ދެވަނަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ދެ މިނެޓްގެ ތެރޭގައެވެ. ވިލިއަން ދިން ބޯޅައަކުން މި ލަނޑު ބްރެޒިލްއަށް ކާމިޔާބުކޮށްދިނީ ބާސެލޯނާ ޑިފެންޑަރު ޑަނީ އަލްވޭސް އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލްއާއި ޕެރަގުއޭ ބައްދަލުކުރި މެޗުގެ ތެރެއިން: ޕެރަގުއޭ އާއި ބްރެޒިލް ބައްދަލުކުރި ވޯލްޑް ކަޕް ކޮލިފައިން މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެން -- ފޮޓޯ: އޭޕީ

ކޮލިފައިންގެ ދެކުނު އެމެރިކާ ސަރަހައްދުގެ ގްރޫޕްގައި ރޭ އާޖެންޓީނާ ވަނީ ބޮލީވިއާ އަތުން 2-0 ލަނޑުން މޮޅުވެފަ އެވެ. އާޖެންޓީނާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ގެބްރިއެލް މާކޭޑޯ އާއި ބާސެލޯނާ ތަރި ލިއޮނެލް މެސީ އެވެ.

ކޮލިފައިންގައި ރޭ އުރުގުއޭ އަތުން 1-0 ލަނޑުން ޕެރޫ މޮޅުވި އިރު، ވެނެޒުއޭލާ އަތުން ކޮޕާ އެމެރިކާގެ އެންމެ ފަހު ޗެމްޕިއަން ޗިލީ މޮޅުވީ 4-1 ލަނޑުންނެވެ.

މި ނަތީޖާތަކާ އެކު ގްރޫޕްގެ އެއް ވަނައިގައި ކުޅުނު 6 މެޗުން ލިބުނު 13 ޕޮއިންޓާ އެކު އުރުގުއޭ އޮތްއިރު، ދެ ވަނައިގައި އޮތް އިކުއެޑޯއަށް ވެސް ލިބިފައި ވަނީ 13 ޕޮއިންޓެވެ. އުރުގުއޭއަށް ގްރޫޕްގެ ކުރި ލިބެނީ ގޯލްގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް އާޖެންޓީނާއަށް 11 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ޗިލީއަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. ފަސް ވަނައިގައި އޮތް ކޮލަމްބިއާއަށް ވެސް 10 ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕްގެ ހަ ވަނައިގައި އޮތް ބްރެޒިލްއަށް ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ.