މިއަދު ބޭއްވި އެމްޑީޕީ އިންތިހާބުގެ މިހާތަނަށް ގުނާ ނިމިފައިވާ ވޯޓު ފޮށިތަކުގެ ނަތީޖާ އަށް ބަލާއިރު، އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ވާދަކުރެއްވި ތިން ބޭފުޅުންގެ ތެރެއިން އެންމެ ކުރީގައި އުޅުއްވަނީ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އޭނާ އާ އެންމެ ކައިރިން ވާދަކުރައްވާ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވަނީ އަލްހާނަށް މަރުހަބާ ވިދާޅުވެ، ޕާޓީގެ ޗެއާޕާސަން މާރިޔާ އަހްމަދު ދީދީއަށް މީގެ ކުޑައިރުކޮޅެއް ކުރިން އެސްއެމްއެސް އެއް ފޮނުއްވާފައިވާ ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.

އެމަގާމަށް ދެން ވާދަކުރެއްވީ ގ. ކަކާގެ، ހުސެއިން އާދަމް (އާދަމްބެ) އެވެ. ރައީސް އޮފީހުގައި އިސްމަގާމެއް ފުރުއްވާ އާދަމްބެ އެއްވެސް ކެމްޕޭނެއް ނުކުރެ އެވެ.

"މިހާތަނަށް ގުނާ ނިމުނު ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު އަލްހާން ކާމިޔާބުކުރައްވާނޭ ކަމަށް ދެކިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އަށް އަސްލަމް ދާދި ދެންމެއަކު ފޮނުއްވި އެސްއެމްއެސްގައި، މިއަދު މި ބޭއްވި އިންތިޚާބަކީ ވަރަށް ކާމިޔާބު އިންތިޚާބެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި، އެކަމަށްޓަކައި ޗެއަރޕާސަން އަށް ވެސް މަރުޙަބާ ވިދާޅުވެފައިވެއެވެ،" އެމްޑީޕީ ވެބްސައިޓުގައި ބުނެފައިވެ އެވެ.

ނަމަވެސް، ރައީސް ކަމަށް ވާދަކުރައްވާ އިބްރާހިމް ހުސެއިން ޒަކީ އާއި ޑރ. އިބްރާހިމް ދީދީގެ ވޯޓުގެ ތަފާތު ވަރަށް ކުޑަ ކަމަށާއި ނަތީޖާ ނުކުންނާނެ ވަކި ގޮތެއް އަދި އަންދާޒާ ނުކުރެވޭ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

އިރުއޮއްސި 6:00 ޖެހިއިރު ވޯޓުލުން ބަންދުކުރުމަށްފަހު ވޯޓުގުނަން ފެށި ނަމަވެސް، ރަށްރަށުން ނަތީޖަ ލިބުން ލަސްވުމާ ގުޅިގެން މިރޭ 10:30 އިއުލާންކުރުމަށް ހަމަޖެހިފައި އޮތް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކުރުން ވަނީ އެމްޑީޕީން ފަސްކޮށްފަ އެވެ.