30 Mar 2016, 11:27
ބޮލީވުޑުގެ ގިނަ ފަންނާނުންކި އެ މީހުންގެ ޒާތީ ދިރިއުޅުމާ ލޯބީގެ ގުޅުންތަކުގެ ވާހަކަ ދައްކަން އެއްގޮތަކަށް ވެސް ބޭނުންވާ ބައެއް ނޫނެވެ. އެކުގައި ޗުއްޓީ ހޭދަކުރަނިކޮށް ފަޅާއަރައި، އެއް ގޭގައި ދިރިއުޅެމުން ދިޔަ ނަމަވެސް، ދެ މީހުންގެ ދެމެދު ލޯބީގެ ގުޅުމެއް އޮތް ކަމަށް އެއްބަސް ނުވާ ބައެއް ތަރިން ވެސް އުޅެ އެވެ.
ބޮލީވުޑުގެ މަޝްހޫރު ބަތަލާ، އުމުރުން 37 އަހަރުގެ ބިޕާޝާ ބާސޫ އަދި ހިންދީ ޑްރާމާތަކުން މަގުބޫލުކަން ހޯދުމަށް ފަހު މިހާރު ބޮލީވުޑުގައި އަރަމުން އަންނަ ތަރި، އުމުރުން 34 އަހަރުގެ ކަރަން ސިން ގްރޯވަރަކީ ވެސް ހަމަ އެކަހަލަ ޖޯޑެކެވެ. އައު އަހަރު ފާހަގަ ކުރުމަށް ދެ ތަރިން އެކުގައި ރާއްޖެ ވެސް ވަނީ އައިސްފަ އެވެ. އަދި ސްޓޭޖް ޝޯވ އަކުން ވެސް ދެ މީހުން އެކުގައި ވަނީ ފެނިގެން ގޮސްފަ އެވެ. ނަމަވެސް ދެ މީހުން ރައްޓެހިވެގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ވަކި ޖަވާބެއް ނުދެ އެވެ.
ނަމަވެސް މިހާރު ވަނީ ދެ ތަރިންގެ ކައިވެނީގެ ތާރީހު ވެސް ކަނޑައަޅާފަ އެވެ. އެގޮތުން އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ދެމީހުން ކައިވެނީގެ ގޮށް ޖަހަން ނިންމާފައިވާކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.
ދެ މީހުން ލޯބި ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރު ފަހުން ކައިވެނި ކުރަން ނިންމާފައިވާއިރު، ބާއްވާނީ ވަރަށް ކުޑަކުޑަ ހަފްލާއެއް ކަމަށްވެ އެވެ. ނަމަވެސް ބޮލީވުޑުގެ ބައެއް ފަންނާނުންނަށް ދައުވަތު ދިނުމަށް ވަނީ ނިންމާފަ އެވެ.
ވަރަށް ބޮޑު ހަފްލާއެއް ބާއްވަން ބިޕާޝާ ބޭނުންވި ނަމަވެސް ކަރަން އާއި އޭނާގެ ކުރީގެ އަންހެނުން ޖެނިފާ ވިންގެޓް ވަރިވި ފަހުން އަދި މާ ގިނަ ދުވަހެއް ނުވާތީ، މާބޮޑު ހަފްލާއެއް ބާއްވަން ކަރަންގެ އާއިލާއިން ބޭނުން ނުވާކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިއީ ބިޕާޝާގެ ފުރަތަމަ ކައިވެނި ނަމަވެސް، ކަރަން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކައިވެނިކޮށްފަ އެވެ.