ވޯލްޑް ކަޕް ކޮލިފައިންގެ ފަހު މެޗުގައި ރޭ ރާއްޖެއާ ދެކޮޅަށް ބޫޓާން ކުޅުނު މެޗުގައި ފެނިގެންދިޔައީ ކޮލިފައިންގެ މި ބުރުގައި ބޫޓާން ފަރާތުން ފެނުނު އެންމެ މޮޅު ކުޅުން ކަމަށް އެ ޓީމްގެ ކޯޗު ޕެމާ ޑޯޖީ ބުނެފި އެވެ.

ރަސްމީ ބޯޅަ ދަނޑުގައި ރޭ ކުޅުނު އެ މެޗުގައި ބޫޓާން ޓީމްގެ ފަރާތުން ހައިރާން ކުރުވަނިވި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު އެ ޓީމުން ވަނީ ފުރަތަމަ ގޯލެއް ކާމިޔާބުކޮށް ރާއްޖެ ސިއްސުވާލާފަ އެވެ. ނަމަވެސް އެ މެޗުން ބޫޓާން ބަލިވީ ފަހު ވަގުތު ރާއްޖޭން ކާމިޔާބު ކުރި ދެ ގޯލާއި އެކު 4-2 ގެ ނަތީޖާ އަކުންނެވެ.

"މެޗު ފެށިގެން ވެސް ބޫޓާން ޓީމުން ވަނީ މޮޅަށް ކުޅެ ހަމަލާތަކެއް އުފައްދާފައި. މިއީ މިހާތަނަށް ކޮލިފައިންގައި ބޫޓާން ޓީމްގެ ފަރާތުން ފެނުނު އެންމެ މޮޅު ކުޅުން. ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ބޯލް ޕޮސިޝަންވެސް ރަނގަޅު،" ޑޯޖީ ބުންޏެވެ.

އޭނާ ބުނީ ބޫޓާން ގެ ފުޓްބޯޅަ އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް ކުރިއަރަމުން ކަމަށާއި އެކަން ވަރަށް ރަނގަޅަށް މި ޓީމުންނާއި އެ މެޗުން ވެސް ފެނިގެން ހިގަށްޖެ ކަމަށެވެ.

"ބޫޓާން ޓީމުން މިދަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދަމުން. އެ މެޗުން ފެނިގެން ދިޔަ ކުޅުމަށް ވުރެން ރަނގަޅު ކުޅުމެއް ދެން ކުޅޭ މެޗަކުން ވެސް ފެންނާނެ،" ޑޯޖީ ބުންޏެވެ.

އޭނާ ބުނީ ބޫޓާން ޓީމުން ރަނގަޅަށް ކުޅުނު ނަމަވެސް އެ ޓީމަށް މައްސަލަތަކާ ދިމާވީ ފަހު ހާފްގައި މަޖުބޫރުވެގެން ގެނައި ދެ ބަދަލާ އެކު ކަމަށާއި އެ ހިސާބުން މެޗު އެނބުރިގެންދިޔައީ ކަމަށެވެ.