މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ނިމިގެންދާއިރު ރާޅުގަނޑު ސަރަހައްދު ހަލާކުވެގެން ނުދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ސަން ޓީވީގެ "50 މިނެޓު" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހައުސިން މިނިސްޓަރުގެ ނައިބު އަބްދުﷲ މުއްޠަލިބު ވިދާޅުވީ، ބްރިޖު މަސައްކަތް ނިމިގެންދާއިރު ރާޅާ އަޅާ ސަރަހައްދު ހަލާކުވެގެން ނުދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

"ބްރިޖު މަސައްކަތް ނިމުނަސް ވަރުލުނާ ރާޅުގަނޑު އޮންނާނީ ހަމަ އެގޮތުގައި،" މުއްޠަލިބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ސަރަހައްދުގައި ރާޅާ އެޅުން މަނާކުރީ ރާޅާ އަޅާ މީހުންގެ ރައްކާތެރިކަމަށްޓަކައި ކަމަށާއި ބްރިޖުގެ މަސައްކަތް ކުރިއަށްދަނިކޮށް ރާޅާ އެޅުމަކީ އަނިޔާއެއް ލިބިދާނެ ކަމެއް ކަމަށެވެ. އަދި އެފަދަ ކަމެއް މެދުވެރިވުމަކީ ބްރިޖުގެ މަސައްކަތް ކުރާ ކުންފުނިން ވެސް އަދި ޗައިނާ ސަރުކާރުން ވެސް ބޭނުންވާނެ ކަމެއް ނޫންކަމަށް މުއްޠަލިބު ވިދާޅުވިއެވެ.

ރާޅާ އަޅާ މީހުންނަށް މާލެއާ ކައިރި ރަށަކުން ރާޅާ އެޅުމުގެ ކަންތައް ހަމަޖެއްސުމަށްޓަކައި އެމީހުންނާ އެކު ޓޫރިޒަމް މިނިސްޓްރީން އަންނަނީ މަޝްވަރާ ކުރަމުން ކަމަށް ވެސް މުއްޠަލިބު ވިދާޅުވިއެވެ.

ރާޅުގަނޑު ސަރަހައްދުގައި ރާޅާ އެޅުން މަނާކޮށްފައިވާތީ ރާޅާ އަޅާ ޒުވާނުންތަކެއް ވަނީ އެ ސަރަހައްދުގައި އިހްތިޖާޖުކޮށްފައެވެ. އަދި ބައެއް ޒުވާނުން ވަނީ ބްރިޖުގެ މަސައްކަތްކުރާ ޗައިނާގެ ކުންފުނީގެ މީހުންގެ ބޯޓަށް އެރުމަށް ވެސް މަސައްކަތްކޮށްފައެވެ.

އެކަމާ ގުޅިގެން ފުލުހުން ވަނީ އެފަދަ ކަންތައްތައް ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ފުލުހުންގެ އެންގުމަށް ތަބާނުވި ބައެއް ޒުވާނުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.