މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސައުދީ އަރަބިއާގެ ގައުމީ އެއާލައިން "ސައުދީ އަރަބިއަން އެއާލައިން" އަށް ރާއްޖޭގެ އެއާޕޯޓަށް މަރުހަބާ ކިޔައިފި އެވެ.

ސައުދީގެ ރިޔާޒު އިން ފުރައިގެން ސައުދީ އަރަބިއަން އެއާލައިންގެ ފްލައިޓް އެސްވީ786 އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް ޖައްސާފައި ވަނީ މިއަދު ހެނދުނު 8:50 ގަ އެވެ.

ފްލައިޓް ޖެއްސުމާ އެކު އައިއެންއައިއޭ ވަނީ ވޯޓާ ސެލިއުޓަކާ އެކު ދިވެހި ބޮޑުބެރުގެ އައިޓަމްތަކަކުން އެ އެއާލައިނުން އައި ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. މަރުހަބާގެ ސަލާމް ކުރެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އާއި ސަރުކާރާއި އެމްއޭސީއެލްގެ އިސްވެރިންނެވެ.

ސައުދީ އެއާލައިނުން ނިންމާފައި ވަނީ ހަފްތާއަކު ދެ ދަތުރު ރާއްޖެއަށް ކުރުމަށެވެ.

ސައުދީ އަރަބިއާ އިން ރާއްޖެ އަށް ސީދާ ދަތުރުތައް މިއަދުން ފެށިގެން އެ އެއާލައިނުން ކުރާނެ އެވެ. ސައުދީ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ރަސްމީކޮށް ފެށުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރީ ވެސް އިއްޔެ އެވެ.

ސައޫދީ އެއާލައިންގެ ދަތުރުތައް މިއަދު ރާއްޖެއަށް ފަށާފައިވާ އިރު، އެ އެއާލައިނުން މާލޭން ރިޔާޒަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ ޓެކްސް ނުހިމަނައި 589 ޑޮލަރަށެވެ. ޔޫރަޕަށް ކުރާ ދަތުރުތަކުގެ ޓިކެޓްގެ އަގު 600 ޑޮލަރާއި 800 ޑޮލަރާ ދެމެދުގެ އަގެއްގައި އުޅޭއިރު، އެމެރިކާ އަށް ކުރާ ދަތުރުތަކުގެ އަގު ވެސް އުޅެނީ ގާތްގަނޑަކަށް އެ އަގުގައި ކަމަށް ސައުދީ އެއާލައިނުން މައުލޫމާތުދެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ، މިއަދު ފެށި ދަތުރުތަކުގެ ސަބަބުން ރާއްޖެއާ ސައުދީއާ ދެމެދު އޮތް ގުޅުން މިހާރަށްވުރެ އިތުރުވާނެ ކަމަށެވެ. އަދި އެކި ބޭނުންތަކުގައި ސައުދީ އިން ރާއްޖެއަށް އަދި ރާއްޖެއިން ސައުދީއަށްދާ މީހުން އިތުރުވާނެ ކަމަށެވެ.

ސައުދީ އެއާލައިނުން އެ ކުންފުނިން ކުރާ ދަތުރުތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ރާއްޖެއަށް ދަތުރުތައް ފެއްޓިކަމަށްޓަކައި އާދިލް މޫސާ، ސައުދީ އެއާލައިންގެ އިސްވެރިންނަށް ޝުކުރު އަދާކުރެއްވި އެވެ.