30 Mar 2016, 00:02
ޕާކިސްތާނުގައި މިދިޔަ އާދީއްތަ ދުވަހު ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއާ ގުޅިގެން 5000 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.
ޕާކިސްތާނުގެ ޠާލިބާނުންގެ ޖަމާއަތުން އުފެދުނު ވަކި ޖަމާއަތެއް ކަމަށްވާ، ޖަމާއަތުލް އަހްރާރުން އެގައުމުގެ ލާހޫރަށް ދިން އެ ހަމަލާގައި 73 މީހުން މަރުވެފައިވާއިރު އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމްވެފައެވެ. ޒަހަމްވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.
ހައްޔަރުކުރި 5000 މީހުންގެ ތެރެއިން 200 މީހުންތިބީ ފުލުހުންގެ ހައްޔަރުގައެވެ.
"ހޯދުނު 5000 އަށްވުރެ ގިނަ މީހުންނަށް ސުވާލުކޮށް އަދި ގިނަ މީހުން ވަނީ ދިއުމުގެ ހުއްދަ ދެވިފަ. ނަމަވެސް ހައްޔަރުކުރި މީހުންގެ ތެރެއިން 216 މީހުން ވަނީ އިތުރަށް ތަހުގީގު ކުރުމަށް ބަންދުކުރެއްވިފައި،" ޕާކިސްތާނުގެ ޕްރޮވިންޝަލް މިނިސްޓަރު ރަނާ ސަނައުލުﷲ ވިދާޅުވި އެވެ.
އާދީއްތަ ދުވަހު ބޮމުގެ ހަމަލާ ދީފައިވަނީ ހަފްތާ ބަންދާ ދިމާކޮށް އާއިލާތައް އެކުގައި ހިތްހަމަޖައްސާލަން ނުކުމެ އުޅުނު ކުޑަކުދިންގެ ޕާކަކަށެވެ. ޖަމާއަތުލް އަހްރާރުން ބުނީ އެހަމަލާ އަމާޒު ކުރީ އީސްޓާ ފާހަގަ ކުރަމުންދިޔަ ކްރިސްޓިއަނުންނަށް ކަމަށެވެ.
މައުލޫމާތު: ފޮކްސް ނިއުސް